އިބްރާހިމް ފަހީމް   5 ޖެނުއަރީ 2023 - 18:41
ރ. އަލިފުށީގައި މި ސަރުކާރުން ތަރައްގީ ކުރަމުންދާ އެއަރޕޯޓުގެ ޓާމިނަލްގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ.

އެއަރޕޯޓު އެޅުމަށް އެރަށުން ހިއްކާފައިވާ ބިމުގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙަސަން, އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އަލިފުށި ކައުންސިލްގެ ރައީސެވެ.

މި ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އަލިފުށި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ. އަލިފުށީގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގއެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެއަރޕޯޓުގެ މަސައްކަތް ނިންމާލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު