ސްރީލަންކާއާއި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ޝަވެންދަރު ސިލްވާ، ރާއްޖެއަށް ކުރައްވަމުންގެންދަވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެމްއެންޑީއެފްގެ ހެޑްކޯޓާރޒްއަށް ވަޑައިގެން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ސްރީލަންކާ އާއި ދިވެހިރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ފާހަގަ ކުރެއްވިއެވެ. އަދި މިގުޅުމުގެ ތެރެއިން ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާ ސަރުކާރަށާއި، އަސްކަރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.



ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެޤައުމު ދޭތެރޭ ދިފާޢީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ސްރީލަންކާގެ އަސްކަރިއްޔާއާ ވަރަށް ގާތްގުޅުމެއް އަބަދުވެސް އޮންނަކަން ފާހަގަކުރައްވާ، މިގުޅުމުގެ ތެރެއިން އެމްއެންޑީއެފްގެ އިންސާނީ ވަޞީލަތް ތަރަށްޤީ ކުރުމަށް ބޭނުންވާ ގިނަ ކޯސްތަކަކާއި ތަމްރީނުތަކެއް ސްރީލަންކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއިއެކު މިހާރު ވެސް ލިބެމުންދާކަން ފާހަގަކުރައްވާ، ޝުކުރު އަދާކުރެއްވިއެވެ.

ވަކިން ޚާއްޞަކޮށް، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ސިފައިން ތަމްރީނުކުރުމަށް ސްރީލަންކާގެ އަސްކަރިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން އެމްއެންޑީއެފް އަށް ބޭނުންވާ އިތުރު ތަމްރީނުތައް ހޯދުމަށް ވެސް ވާހަކަ ދެކެވި މަޝްވަރާ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު