އަހުމަދު މަސްނޫމް   5 ޖެނުއަރީ 2023 - 11:57
ދިގު އިންތިޒާރެއް ކުރަމުންދިޔަ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފެށިއިރު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފެށީ އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެއްސުމާއި ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.

ސިޓީ ކައުންސިލުން ލަފާކުރާ ގޮތުގައި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު