އެމްޑީޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެެނބުރޭ ފިކުރެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ރޭ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ދަށުން އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވީ އެމްޑީޕީން ތަންދިނީ މިނިވަން ޚިޔާލާއި މިނިވަން ފިކުރަށް ކަމަށެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ފިކުރެއް ނޫން ކަމަށާއި އެޕާޓީގެ ދިރުމަކީ އެއީ މީހެއްގެ ވަށައިލައިގެން އެނބުރުން ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި މާރިޔާ ވިދާޅުވީ ތިމަންނާމެން ނޫން ބަޔަކު ޕާޓީގައި ތިބެގެން އަދި ވެރިކަން ވެސް ކުރަން ޖެހޭނީ ވަކި ބައެއް ކަމަށް ހީވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށެވެ.

އެމްޑީޕީ ނިކުތީ 30 އަހަރު ދުވަހު އެކަކުގެ ވަށާލައި އެނބުރޭ ފިކުރުން ނުކުމެ، ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިހާރު މިއޮތީ ޑިމޮކްރަސީ އައިސްފައި ކަމަށް ބުނެ އެތެރޭގެ އިންތިހާބެއްގައި އަމަލުކުރާގޮތަކުން އަތުގައި މިހާރު މިއޮތް ސަރުކާރު ވެސް ގެއްލިދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"2018 ވަނަ އަހަރު އަޅުގަނޑުމެން ނުކުތްއިރު އަޅުގަނޑުމެން ތިބި ބިރުވެެރިކަން މިއަދު ތިބޭފުޅުންނަށް ފެންނާނެ،. އެއީ މިތާ މި ހަރުގެ ދޮށުގައި ހިނގަމުން މިދަނީ އެ ބިރުވެރިކަން. އެމީހުން ރައްޔިތުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާނެ ވަރު. ރައީސްގެ ކެތްތެރިކަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ރައީސް ޔާމިންގެ ދައުރުގައި 2018 ވަނަ އަަހަރާއި ޖެހެންދެން މިތާ މި ހަރުގޭގައި ބޮޑިބަތްކޮޅެއް ކާލަން އުޅުނަސް އަޅުގަނޑުމެންގެ ސަލާމަތަށް ތިބި ފުލުހުން ފޮނުވައި އެ ބޮޑިބަތްކޮޅު ހިފައިގެން އެބަ ގެންދުވާ. މިތާގައި ހުރި އަޅުގަނޑުމެންގެ ކިތައް ސްޕީކަރު ކަން ނޭގޭ ގެންގޮސް ބަހައްޓާފައި ހުރީ،" އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އިދިކޮޅު ޕީޕިއެމުން ެއެވަގުތު ބާއްވަމުން ގެންދިޔަ ޖަލްސާއަށް އިޝާރަތް ކުރަށްވައި ރައީސް ޔާމިންގެ ސަރުކާރުގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި ހަރަކާތްތަށް ހުއްޓުވާފައިވާތީ އެކަމާ ގުޅުވައި މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ސޯލިހް ނިކުމެވަޑައިގެން ހުންނެވީ މުޅިރާއްޖެ ތަރައްގީ ކުރުމަށް ކަމަށެވެ. ރައީސް އެކަން ކުރާތަން އެބަ ފެނިވަޑައިގަންނަވާ ކަމަށާއި ރަށްރަށައް ކުރަށްވާ ދަތުރުތަކުން އެކަން ފެންނަން އެބަހުރި ކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސް ސޯލިހާއި އެކު ރައްޔިތުންނަށް ތިޔާގި ފަސްއަހަރު ލިބިގެންދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު