ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑް ގުޅާލުމާބެހޭ ދިރާސާއެއް ހެދިކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން އިއްޔެ ވަނީ ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމާބެހޭ ދިރާސާތަކެއް ކުރިކަމަށް އިންޑިއާގެ ބައެއް ނޫސްތަކާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ބުނީ، ކަރަންޓު އުފައްދާ ބޭނުންކުރުމާ ގުޅޭ އާ ޓެކްނޯލޮޖީއާއި އެފިޝަންޓުކޮށް ކަރަންޓު އުފައްދާ ބޭނުންކުރާގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އެކިއެކި ޤައުމުތަކުންނާއި ކުންފުނިތަކުން ދަނީ އަބަދުވެސް ހޯދުންތައް ހޯދައި އެކަންކަން ތަންފީޛުކުރުމަށް ހުށަހެޅުންތައް ހުށަހަޅަމުންކަމަށެވެ. މިގޮތުން، މިފަދަ ކަންކަމާ ގުޅިގެން އެކިފަރާތްތަކުން އަބަދުވެސް ރާއްޖެއަށް އެކި ހުށަހެޅުންތައް ހުށަހަޅާކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.

ނަމަވެސް، ބަޔެއް އޮންލައިން ނޫސްތަކުގައި ޝާއިޢުކޮށްފައިވާ "ދިވެހިރާއްޖެއާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅައިލުމާ ބެހޭ" ޚަބަރުތަކުގައި ބުނާފަދަ ދިރާސާއެއް އަދި އެފަދަ ކަމެއްކުރުމަށް މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން އަދި މިހާތަނަށް ސޮއިކޮށްފައި ނުވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.



އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމަށްކަމަށެވެ. އަދި، ކުރިއަށް އޮތްތާގައިވެސް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާނީ އެ ގޮތަށް ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު