އެމްޑީޕީން ޕްރައިމަރީއެއް ބާއްވަނީ އެންމެ ގާތް ކަމުވޮށިގެންވާ އާއިލާގެ މީހަކު ހޮވަން ނޫންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ޞާލިޙްގެ ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ, އޭނާ ހުންނެވީ ޕްރައިމަރީވެސް އަދި ރިޔާސީ އިންތިހާބުވެސް ޔަގީންކަމާ އެކު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓާ އެކު ކަމަށެވެ. އަދި އެބޭފުޅަކީ ރައީސް ޞާލިޙް ކަމަށާއި އެމަނިކުފާނަކީ “ވިނިންގ ކެންޑިޑޭޓް” ކަމަށް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ, އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ އެންމެ ރީތި, އެންމެ ގާތް އަދި އެންމެ ކަމުވޮށިގެންވާ އާއިލާއެއްގެ މީހަކު ހޮވަން ނޫންކަމަށާއި ހޮވަން މިއުޅެނީ ޕާޓީއަށް އެންމެ އެކަށީގެންވާ ކާމިޔާބު ވާނެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެއީ ރައީސް ޞާލިހް ކަމަށާއި އެމަނިކުފާނު އެމްޑީޕީގެ ސިޔާސަތުތައް ހިފަހައްޓަވާނެ ކަމަށެވެ.

މީކާއީލް ވިދާޅުވީ ރައީސްގެ ވެރިކަމުގައި ފާޑުކިޔުމާއި ފާރަވެރިވުމަށްވެސް ފުރުސަތު އޮންނާނެ ކަމަށާއި އަދި އެކަން ޕްރައިމަރީން ވެސް ފެންނަމުންދާ ކަމަށެވެ.

މީކާއިލް މިފަދައިން ވިދާޅުވިއިރު އޭނާއަކީ މި ފަހަކާއި ޖެހެންދެންވެސް ނަޝީދަށް ތާއީދު ކުރައްވާ އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު