އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ވެރިކަން ކުރެއްވުމުގައި ދޫ ނުކުރައްވާނެ ދެކަމެއް އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ. އެގޮތުން އެއްކަމަކީ, މީހެއްގެ އަޅަކަށް ނުވުން ކަމަށާއި އެމަނިކުފާނަކީ އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެކަން އެންމެ ފުރަތަމަ އެމްޑީޕީގެ ޓިކެޓް ހަވާލު ކުރި ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވެފައި ވާނޭކަމަށެވެ.

އަދި ދެވަނަ ކަމަކީ އެމަނިކުފާނުގެ މުދައްރިސަކު ވިދާޅުވެދެއްވި ނަސޭހަތެއް ކަމަށާއި އެއީ, އަޑު އަހާ މީހަކަށް ވުން ކަމަށެވެ. ރައީސް ވިދާޅުވީ, އެމަނިކުފާނު ވެވަޑައިގަންނަވާނީ އަދި ދެމިހުންނަވާނީ ވެސް އަޑު އައްސަވާ ބޭފުޅެއްގެ ގޮތުގައި ކަމަށާއި ކަންކަން ނިންމަވާނީ ހުރިހާ ފަރާތަކުން ވެސް ދައްކާ ވާހަކަ އަޑު އަހައިގެން ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ, ރައީސް ކަންކަމުގައި ރިއެކްޓް ނުކުރައްވާކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނުންނާއި ރައީސް މުޙައްމަދު ނަޝީދު ވެސް ރައީސް ޞާލިޙަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު