ރައްޔިތުންގެ ވޯޓު ހޯދާނެގޮތް އެނގިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި މިރޭ ރައީސް ޞާލިޙްގެ ފެކްޝަނުން ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވާފައިވަނީ މީގެކުރިން ވާހަކަފުޅު ނުދައްކަވާހާ ޖޯޝާއި ފޯރީގައެވެ.

އެމްޑީޕީގެ ތެރޭގައި ތިބި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޞާލިޙް މިރޭ ވިދާޅުވީ އެމަނިކުފާނަކީ މީގެކުރިން އެކި އިންތިހާބުތައް ކާމިޔާބު ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް އަހަރު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި އަދި އޭގެފަހުން އެއް އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެެވެ.

އެހެންކަމުން ރައްޔިތުންގެ ވޯޓު ހޯދާނެގޮތް އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރިމަތިލައްވައިގެން ހުންނެވި ޕާޓީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެއަށްފަހު ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, އެމްޑީޕީން އެކި ރިޔާސީ އިންތިހާބުތައް ތަޖުރިބާ ކޮށްފި ކަމަށާއި, އެގޮތުން 2008 ގައި އެމްޑީޕީގެ ސަރުކާރެއް އުފެއްދުނީ ކޯލިޝަނަކާއިއެކު ކަމަށެވެ. ނަމަވެސް, ވެރިކަމަށް ދެ މަސްވެސް ނުވަނީސް ކޯލިޝަން ރޫޅިއްޖެ ކަމަށާއި އޭގެފަހުން ދިމާވަމުންދިޔަ ދަތިތަކާއިއެކު ދައުރު ފުރިހަމަ ނުކޮށް އަނެއްކާވެސް އެމްޑީޕީން ޖެހުނީ މަގުމައްޗަށް ނުކުންނަން ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާއި ހިލާފަށް ކޯލިޝަން ދަމަހައްޓައި އަދި ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނެކަން އެމަނިކުފާނު ގެންދަވަނީ ޔަގީންކޮށްދެއްވަމުން ކަމަށެވެ.

އެހެންކަމުން ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ވެސް ކުރިމަތިލައްވަން ނިންމެވީ 5 އަހަރުގެ ވެރިކަމެއް ފުރިހަމަ ކުރެއްވުމަށް ކަމަށާއި އެއްއަހަރު ދެއަހަރު ނުވަތަ ތިން އަހަރު ވެރިކަން ކޮށްލަން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު