ސިޔާސީ ބޭނުމަށް އޮޅުވާލައިގެން ވާހަކަ ނުދެއްކެވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހަައްމަދު ސާލިޙު މިރޭ ގޮވާލައްވައިފިއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގެ ކެންޕޭންގައި މިރޭ ޕާޓީ ހަރުގޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، އެމަނިކުފާނު މިހާތަަނަށް މަސައްކަތް ކުރެއްވީ "ރިއެކްޓް" ނުކުރަށްވައި ކަމަށާއި، އެހެން ނަމަވެސް ކަންކަމަށް މިހާރު ރެސްޕޮންސް ކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދިމާވި ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ކާޑު ހުސްވެ ރާއްޖެ ބަޑަށް ޖެހި ބޭސް ހުސްވާ ކަމަށް އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން ބުނަމުންދިޔަ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"ރަށްރަށުން ދެން އަންނާނީ ބޮޑީ ބޭގްތަކޭ، މިހެން ގޮސް މިދިޔަ ދެ އަހަރު އަޅުގަނޑުމެން މި ހޭދަކުރީ މިވާހަކަތައް އަޅުގަނޑުމެން ކަންފަތުގައި އިވި އިވި، ކޮބައިތޯ ތިބޭފުޅުން، ވިސްނާވަޑައިގަންނަވާ މި ދަތިކަމުގައި ވެސް ކޮވިޑް ކޮންޓްރޯލް ކުރެވިގެން އެ ދިޔަ ގޮތް، ރައްޔިތަކު ބަނޑަށް ޖެހިގެން މިގައުމުގައި ހުރިތޯ؟ އަސާސީ ޚިދުމަތެއް ނުލިބި ހުރިތޯ ތިބޭފުޅުން ވިސްނަވާ." ރައީސް ވިދާޅުވިއެވެ.

ރަައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްޑީޕީގެ ތެރެއިން ސަރުކާރު ހިންގަން ދަތިކުރަމުން ގެންދިޔަ ކަމަށެވެ. އެމްޑީޕީގެ ތެރެއިން ސަރުކާރަށް ދަތިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ރަައީސް ސޯލިހް ވަނީ ގޮވާލައްވާފައެވެ.

"ކޮންމެ ދުވަހަކު ސަރުކާރަށް ދަތިކުރުމާއި އުނދަގޫކުރުމާއި ސަރުކާރު ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެންނާއި ދޭތެރޭ ނަފްރަތު އުފެއްދުމަށް ޕާޓީ ތެރެއިން މަދުބަޔަކު ނަމަވެސް އެކަން ކުރަމުން އައި، މިއީ ހަގީގަތް. މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލާނީ އެކަން ހުއްޓާލައްވާށޭ، ތިކަން ހުއްޓާލައްވާ ހުއްޓާލައްވާފައި ވަޑައިގެން އަޅުގަނޑުމެންނާ އެކުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ވެފައިވާ ވައުދުތައް ފުއްދަން އެކުއެކީގައި ކުރިއަށްދަމާ ހިނގާށޭ." ވަރަށް އާދޭހާއެކު ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު