އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް, މުޙައްމަދު ނަޝީދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ކެމްޕޭން ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް އެ ސަރަހައްދުގައި އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލައިފިއެވެ.

އެ ސަރަހައްދަށް ނަޝީދު މިއަދު ހަވީރު ވަޑައިގެންނެވުމާއިއެކު އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލާފައިވަނީ ސައުންޑްސިސްޓަމް ބޭނުންކޮށްގެން ދުރަށް އިވޭގޮތަށެވެ.

ސައުންޑް ސިސްޓަމުން އިސްކޮށް އަޑުއުފުލަމުން ދިޔަ މީހާ ބުނަމުންދިޔައީ, އެމްޑީޕީން މީގެ ކުރިން ބުނަމުންދިޔައީ ހިޔާ ފުލެޓު އެއީ ކޮތަރު ކޮއްޓެއް ކަމަށާއި ވޯޓަށް ވީމަ ހިޔާގައި ދިރިއުޅޭ ރައްޔިތުން މުހިންމު ވެއްޖެ ކަމަށެވެ.

އެމީހާ ގޮވަމުންގޮސްފައިވަނީ, އެ ދުވަހުވެސް މިއަދުވެސް ހިޔާގައި ތިބީ ހަމަ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ފުލެޓުތަކުގެ ކަންކަމުގައި ނަޝީދާއި ވާހަކަ ދެއްކުމުން ކުރިން ބުނެފައިވަނީ އެމަނިކުފާނަކީ ސަރުކާރުގެ ބޭފުޅެއް ނޫންކަމަށާއި ކޮށްދެވޭނެ ކަމެއް ނެތްކަމަށް ކަމަށެވެ. އެކަމަކު މިއަދު ވޯޓަށް ވީމާ ރައްޔިތުން ފެނިއްޖެކަމަށް އޭނާ ގޮވަމުން ގޮސްފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި ހިޔާ މަޝްރޫއަކީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބުނު މަޝްރޫއެކެވެ. ނަމަވެސް, އެ ފުލެޓުތައް ދޫކުރާ އަގު ފަސްހާސް ރުފިޔާއަށް ކުރީ ސަރުކާރުން ނިންމާފައިވަނިކޮށް މި ސަރުކާރުން ވަނީ އަށްހާހަށް އެ އަދަދު ބޮޑުކޮށްފައެވެ. މިސަރުކާރުން ބުނީ ކުރީ ސަރުކާރުން ހިޔާ ފްލެޓް އަގު ހަދާފައި ވަނީ ގޯސްކޮށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން