އަހުމަދު މަސްނޫމް   4 ޖެނުއަރީ 2023 - 17:50
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި 22 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ.

މި ކޭމްޕް ނިންމުމުގެ ގޮތުން ކ.ގިރިފުށީގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ޑިފެންސް މިނިސްޓަރ ވަނީ ކޭމެޕްގެ ކެޑޭޓުންނާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ޤައުމީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންގެ އިތުރުން ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މި ކޭމްޕްގައި ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަޙްމަދު ފާލިޙް ޢަބްދުލް މުޙުސިން އެވެ. އެންމެ މޮޅު ފިރިހެން ދަރިވަރަކަށް މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަމްޖަދު ޚާލިސް ޝަރީފް ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންގެ ކެޑޭޓް ޕްރައިވެޓް އައިޝަތު ޒަރާ އަޙްމަދު ޒިރާން އެވެ. އެއް ވަނަ ޕްެލެޓޫނަކަށް ހޮވިފައިވަނީ މައިކް ޕްލެޓޫނެވެ. މިރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވީ ޤައުމީ ކެޑޭޓް ކޯރގެ ޑައިރެކްޓަރ އެޑްމިން އެންޑް ލޮޖިސްޓިކް ކެޑޭޓް ރިފާން ޢަލީ ވަޙީދު އެވެ.

ޤައުމީ ކެޑޭޓް ކޯރއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މި ކޭމްޕްގައި އިންޑިއާގެ 4 ކެޑޭޓުންނާއި ނޭޕާލުގެ 4 ކެޑޭޓުން ވަނީ ބައިވެރިވެލައްވާފައެވެ.

ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައަޅާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ރިވެތި އަޚްލާޤާއި ސްލޫކް އަށަގެންނެވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން ޤައުމީ ރޫހު އުފައްދާ ދިރުވުން ވެސް ހިމެނެވެ. މީގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން ވެސް މިކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެވެ.

މިއަހަރުގެ ކެޑޭޓް ކޭމްޕްގައި ކިޔަވައިދީފައިވާ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، އަންއާރމް ކޮމްބެޓް، ލީޑަރޝިޕް، ފަޔަރ ފައިޓިންގ، އަދި މެރިޓައިމް ސްޓަޑީޒްގެ މަޢުލޫމާތު ހިމެނެވެ. މީގެ އިތުރުން ކެޑޭޓް ކޭމްޕްގެ ދަރިވަރުން އިސްލާމްދީނަށް އަހުލުވެރި ކުރުވުމަށްޓަކައި ދީނީ ދަރުސްތައް ދީފައިވެއެވެ. އަދި ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މިކޭމްޕްގެ ބައެއްގެ ގޮތުގައި ފަސްވަގުތު ނަމާދުކުރުމުގެ އާދަ އުނގަންނައި ދެވިފައިވެއެވެ.

މިކެޑޭޓް ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 33 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މާލޭގެ 13 ސްކޫލްއާއި އަތޮޅުތަކުގެ 20 ސްކޫލްގެ ކެޑޭޓުން ބައިވެރިވިއެވެ. މި ކޭމްޕުގައި ޖުމްލަ 117 ކެޑޭޓުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 60 ފިރިހެން ކެޑޭޓުންނާއި 57 އަންހެން ކެޑޭޓުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން