ރ. ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލާގައި މިހާރު ކުރިޔަށްދަނީ ޕީޖީ އޮފީހުން އެދިފައިވާ އިސްލާޙުތައް ގެނައުމުގެ މަސައްކަތްކަމަށް އޭސީސީން ހާމަކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނެފައިވަނީ ޚިޔާނާތުގެ މިމައްސަލާގައި ތަހުގީގް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާގައި ޕީޖީ އޮފީހުން ފޮނުވި ކޮމެންޓާއެކު މިހާރު އޮތީ މައްސަލާގައި ދައުވާކުރުމުގެ އެންމެ ފަހު މަރުހަލާގައިކަމަށް އޭސީސީން މަޢުލޫމާތުދެއެވެ.

މި މައްސަލާގައި ރ.ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ 27 ގައެވެ. ހަމައެއާއެކު ކައުންސިލު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހުއަށެވެ. ނަމަވެސް ސަސްޕެންޝަންގެ މުއްދަތު ހަމަވެ އޭގެ ތެރެއިން 2 ކައުންސިލަރަކު މިހާރު ވަނީ ވަޒީފާއަށް ނިކުންނަން ފަށާފައެވެ.

ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ އޭސީސީން ބަލަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ.

އެލްޖީއޭއިން މިދިޔަ އަހަރުގެ ޖުލައިމަހު އެކުލަވައިލި ހާއްސަ ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށްވެސް ނަގުދު ފައިސާ ބަހާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން