މިއަހަރު ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ އިތުރުވެފައިވާއިރު، ހަރަދުތައް އަންދާޒާއަށްވުރެ ދަށަށް ގޮސްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 27.5 ބިލިއަން ރުފިޔާއެވެ. މިއީ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި 24.2 ބިލިއަންއަށްވުރެ އިތުރު އަދަދެކެވެ.

ހަރަދަށް ބަލާއިރު މިދިޔަ އަހަރު 39.8 ބިލިއަން ރުފިޔާ ހަރަދުތަކަށް ހިނގާފައިވާއިރު، މިއީ އަންދާޒާކުރި 39.9 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 27.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެތެރެއިން 70 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 30 އިންސައްތައަކީ ޓެކްސް ނޫން އާމްދަނީއެވެ.

ހަރަދަށް 39.8 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެތެރެއިން 70 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 30 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ ނުވަތަ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއެވެ.

އެގޮތުން ޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްއިންނެވެ. އެއީ 4.2 ބިލިއަން ރުފިޔާއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި 968 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ 802 މިލިއަން ރުފިޔާއަކީވެސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ހަރަދުތަކަށް ބަލާއިރު މުސާރައާއި އެހެނިހެން އިނާޔަތްތަކަށް 11 ބިލިއަން ރުފިޔާ މިދިޔަ އަހަރު ހަރަދުވެފައިވެއެވެ. އަދި އިދާރީ ހިންގުމަށް 16 ބިލިއަން ހަރަދުކޮށްފައިވާއިރު، ތަރައްޤީއަށް ހަރަދުކޮށްފައިވަނީ 11.9 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން އަންނަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީގެ ރޭޓްތައް ވަނީ ބޮޑުކޮށްފައެވެ. އެކަމުގެ ސަބަބުން ދައުލަތަށް އިތުރު 3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން