ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަސްރު ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފިއެވެ.

ކުލަގަދަ މި ރަސްމިއްޔާތު އޮތީ މިރޭ ރިޔާދުގެ ރަސްމީ ސްޓޭޑިއަމް މިރްސޫލް ޕާކުގައެވެ. ރޮނާލްޑޯގެ އަންހެނުންނާއި ދަރިންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ފަންސަވީސްހާހެއްހާ މީހުންވަނީ ބައިވެރިވެފައެވެ.

މިރޭގެ ރަސްމިއްޔާތަށްފަހު ރޮނާލްޑޯވަނީ ނޫސްވެރިންނާއި ބައްދަލު ކޮށްފައެވެ. ނޫސްވެރިންނާއި ބައްދަލުކޮށް ރޮނާލްޑޯ ބުނެފައިވަނީ, އޭނާގެ ޓްރާންސްފަރއާއި ގުޅޭގޮތުން މީޑިއާގައި ދެކެވިފައިވަނީ މުޅިން ހަގީގަތާއި އެއްގޮތް ވާހަކަތަކެއް ނޫންކަމަށެވެ.

އެގޮތުން, އަލް ނަސްރަށް ބަދަލުވީ ޔޫރަޕްގެ ބޮޑު ކުލަބަކުން އޭނާއަށް ހުށަހެޅުމެއް ނައުމުން ނޫންކަމަށާއި އަލް ނަސްރަށް ބަދަލުވުމަކީ އޭނާ ބޭނުންވިގޮތް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މީހުންކިޔާ ފާޑުކިޔުމަކަށް ރައްދުދޭން ބޭނުންނުވާކަމަށް ވެސް ރޮނާލްޑޯވަނީ ބުނެފައެވެ.

ރޮނާލްޑޯ ބުނީ އޭނާ ގެންދަން ބޭނުންވެގެން ޕޯޗުގަލް, ބްރެޒިލް އޮސްޓްރޭލިއާ އަދި އެމެރިކާގެ ކުލަބުތަކުން ވެސް މަސައްކަތް ކުރިކަމަށެވެ.

ރޮނާލްޑޯ ބުނީ ސައުދީ ލީގަކީ ވާދަވެރިކަން ބޮޑު ލީގެއް ކަމަށާއި، މިއީ އޭނާގެ ކެރިއަރުގެ ނިމުން ނޫންކަމަށެވެ.

ރޮނާލްޑޯ ވަނީ ޔޫރަޕްގެ މަތީފަންތީގެ ލީގުތަކުގެ ފުޓުބޯޅައިގައި ޖުމްލަ 701 ލަނޑު ޖަހާފައެވެ. ގައުމީ ޓީމަށް 118 ލަނޑު ޖަހާދީފައިވާ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ސީނިއާ ކެރިއަރުގައި ޖުމްލަ 819 ލަނޑު ރޮނާލްޑޯ ޖަހާފައިވާއިރު، އޭނާ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން