ރާއްޖޭގެ މާލީ ހާލަތު ބަޔާންކޮށް އައިއެމްއެފުން ތައްޔާރުކުރި ރިޕޯޓުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އަމީރަށް އެޑްރެސްކޮށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, މިދިޔަ ޑިސެންބަރުމަހުގެ 20 ވަނަ ދުވަހު އައިއެމްއެފުން ނެރުނު ނޫސްބަޔާނެއްގައި, ރާއްޖެއަށް އެމީހުންގެ ޓީމެއް ޒިޔާރަތްކޮށް ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައިގެން ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށާއި އެ ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށް, “ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން” އަކީ “ޓޮޕް ޕްރިއޯރިޓީ” ގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ރިޕޯޓުތައް އާންމުކުރަނީ އެ ގައުމެއްގެ ސަރުކާރުގެ ރުހުން ހޯދާފައިކަމުން, އެ ރިޕޯޓުގައި އަސްލު އޮތް ވާހަކައެއް ދެނެގަތުމަށްޓަކައި ރިޕޯޓުގެ ކޮޕީއެއް ބޭނުންވާކަމަށް ވިދާޅުވެފައިވެއެވެ.



މި ރިޕޯޓުގެ ކޮޕީއެއް ހޯއްދެވުމަށް އީވާ އެދިވަޑައިގެންނެވިއިރު, ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އިގުތިސާދު ދަނީ ބާރު ސްޕީޑުގައި ކުރިއަރަމުން ކަމަށެވެ.

އެގޮތުން އާ އަހަރު ފެށުމާއިއެކު ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކުރުމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން އަމީރު އިއްޔެވަނީ, ރާއްޖޭގެ އިގުތިސާދު މިހާރުވަނީ ކޮވިޑު19 ގެ ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން