ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރޭގައި ހިމެނޭ ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދިޔަ ދެ މީހުން ގެއްލިގެންކަމަށް ބުނެ ފުލުހުންނަށް ޢާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. ހަމަ އެދުވަހު އެއަރޕޯޓު ނެރުކައިރިން އޮޔާދަނިކޮށް އެ ތެޔޮ ބޯޓު ފެނިފައިވާކަމަށް ފުލުހުންނަށް ވަނީ ޖެނުއަރީ 2 ވަނަ ދުވަހު މަޢުލޫމާތު ލިބިފައެވެ.

ގެއްލިގެން އުޅުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް، އޭގެ ތެރެއިން 1 ވަނީ ފެނިފައެވެ. ފުލުހުން ބުނީ ފެނުނީ ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްކަމަށެވެ. އަދި އޭނާ ފެނުނީ ގެސްޓް ހައުސްއަކުންކަމަށާއި، މަރުގެ މައްސަލައެއްގައި އޭނާ މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނުކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފައެވެ. ނަމަވެސް އެ ހަށިގަނޑާބެހޭ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު