3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ހަބަރުތައް ބުނާގޮތުން ޗައިނާގެ އެއަރލައިނަކުން ރާއްޖެއަށް މިމަހު ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޯވިޑް19 އަށްފަހު ޗައިނާގެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލުން ބުނީ ޗައިނާއިން ރާއްޖެއަށް ދަތުރުފެށުމަށް ހަމަޖެހިފައިވާ އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ ބެއިޖިންގ ކެޕިޓަލް އެއަރލައިން، ޗައިނާ އީސްޓަން އެއަރލައިން އަދި ހޮންގްކޮންގ އެއަރލައިންއެެވެ.

ބެއިޖިންގ ކެޕިޓަލް އެއަރލައިނުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗައިނާ އީސްޓަން އެއަރލައިނުން ދަތުރުފެށުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީން މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިމަހު ހޮންގކޮންގ އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާއިރު މި ދަތުރުތަައް އަންނަ މާރޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 ފަތުރުވެރިން އައިސް އެ ޤައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޗައިނާއިން މިހާރު އަންނަނީ ލުއިދެމުންނެވެ. ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވާލަން އެ ޤައުމުން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު