އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދްނާން ސާމީ އަކީ އޭނާގެ ރީތި އަޑުން ރިލީޒްކުރާ ލަވަތަކުން އެތައް ބަޔަކު އާޝޯޚުކޮށްލާ ފަންނާނެކެވެ. އޭނާގެ އަޑު ޖެހުމުން ގައިން ހީބިހިނަގާހާ ރީތިވެފައި ހިއްގައިމު ނަމަވެސް އޭނާގެ ހަށިގަނޑުން އެފަދަ ލޫޅާފަތިކަމެއް ނުފެނެއެވެ. އޭނާގެ ވިޑިއޯތަކާއި ފޮޓޯތަކުން އާންމުންނަށް ފެނިގެން ގޮސްފައި ވަނީ އާދަޔާ ޚިލާފު ފަލަ ވަރަށް ބަރުހެލި މީހެއްގެ ގޮތުގައެވެ. ނަމަވެސް މީގެ އަހަރު ތަކެއް ކުރިން އަދްނާން ސާމީ ވަނީ ބަރުދަން ލުއިކޮށްލައިގެން އެތައް ބަޔަކު ހައިރާންކޮށްލާފައެވެ.

އަދުނާން ސާމީގެ ބަރުދަނުގައި ކުރިން ހުރީ ގާތްގަނޑަކަށް 230 ކިލޯ އެވެ. ނަމަވެސް މީގެ ދެތިން އަހަރު ކުރިން އޭނާ ވަނީ އޭނާގެ ބަރުދަން 130 ކިލޯ ދަށްކޮށް އެންމެން ސިއްސުވާލާފައެވެ. އަދްނާން ސާމީގެ ބަރުދަން ލުއިކޮށްލުމާއެކު ގިނަބަޔަކު ވަނީ އަދްނާން ސާމީ ހިކުނީ އޮޕަރޭޝަނެއް ނުވަތަ ލިޕޮސަކްޝަން ފަދަ ޕްރޮސީޖަރއެއް ކޮށްގެންކަމަށް ބުނެ ތުހުމަތުކޮށްފައެވެ. އަދި މިފަހަކާޖެހެން ދެންވެސް އެތައްބަޔަކު ކުރަމުން އައި މި ތުހުމަތުތަކަށް އެންމެ ފަހުން އަދްނާން ސާމީ މިވަނީ ޖަވާބު ދީފައެވެ.

އެގޮތުން ޖަވާބުގައި "އެއްވެސް ކަހަލަ ސާޖިކަލް ޕްރޮސީޖަރއެއް ކޮށްފައި ނުވާނެ" ކަމަށް އަދްނާން ސާމީ ބުނެފައިވެއެވެ.

"އަހަރެންގެ ބަރުދަން ލުއިވީ ކިހިނެއްތޯ އެހުން މިއީ ބޮޑު ސުވާލެއް. މީހުން ހީކުރީ، އަހަރެން ކޮންމެވެސް ވަރެއްގެ ސާޖަރީއެއް ހެދީއޭ، ނޫނީ ލިޕޮސަކްޝަން ހެދީއޭ. އެއިން އެއްވެސް ކަމެއް އެއްވެސް ކަހަލަ ސާޖިކަލް ޕްރޮސީޖަރއެއް ކޮށްފައެއް ނުވާނެ."

އޭނާ އިތުރަށް ބުނީ، "އަހަރެންގެ ބަރުދަނުގައި 230 ކިލޯ ހުރިއިރު، އަހަރެންގެ ސިއްހަތާ މެދު އުއްމީދު ކަނޑާލި ލަންޑަނުގައި ހުރި ޑޮކްޓަރަކު އަހަންނާ ދިމާލަށް ބުނި، ކަލޭގެ ދިރިއުޅުން ގެންގުޅޭގޮތުން ހަ މަސް ފަހުން ކަލޭ ހޮޓަލެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ މައިންބަފައިންނަށް ފެނިއްޖެއްޔާވެސް ތިމަންނާ ހައިރާން ނުވާނެކަމަށް. އަހަރެންގެ ބައްޕަ އިން ޑޮކްޓަރު އެހެން ބުނި އިރު އަޑުއަހަން. ދެން އެއަށްފަހު ބައްޕަ ވަރަށް އަސަރާއެކު ބުނި ކޮންމެ ކަމެއް ޖެހުނަަސް އަހަންނާ އެކުގައި ވީމޭ، އަބަދުވެސް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ކުރިއަރަން އެއްބާރުލުން ދިން އިރު މީގެކުރިން ދުވަހަކުވެސް އަހަރެންގެ ފަރާތުން އެއްވެސް ކަމެއް އެދިފައެއް ނުވާނެއޭ، އެކަމަކު ބައްޕަގެ އެދުމެއް އެބައޮތޭ، ދަރިފުޅޭ ބައްޕަ ވަޅުލަން ޖެހޭނީ، އެއްވެސް ބައްޕައަކު އޭނާގެ ދަރިފުޅު ވަޅުލާކަށް ނޭދޭނޭ. ބައްޕަ ބުނި މިބަހަކީ ވަރަށްވެސް މާނަފުން އަދި ވަރަށް ހިތުގަ ޖެހުނު ބަހެއް."

އެއަށްފަހު ބައްޕަ ދިން ނަސޭހަތުގައި ހިފާ އެމެރިކާއިން ހާއްސަ ނިއުޓްރިޝަނިސްޓެއް ހޯދައި ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށިކަމަށް އަދްނާން ސާމީ ފާހަގަކުރިއެވެ.

"ހާއްސަ ޑައިޓާއި، ކަސްރަތާއިއެކު އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލައި، މުޅި އުމުރު ދުވަހު މި ވައްޓަފާޅިގައި ހިފަހައްޓަން މަސައްކަތްކުރާނަން. މިއީ ހިތްވަރެއް ހުރިއްޔާ ކޮންމެ މީހަކަށްވެސް ވާނެކަމެއް."


ކިޔުންތެރިންގެ ހިޔާލު


-3

މީ މަ

22-Feb-2023

ލޮލް... ކުއްލިއަކަށް ތިވަރަށް ބަރުދަން ލުއި ނުވާނެ. މެދުނުކެނޑި 5 - 6 އަހަރު މަސައްކަތް ކޮށްގެން ވެދާނެ. ތިވަރަށް ބަރުދަން ލުއި ކުރީމަ ހަންގަނޑު ދޫވެ އެލޭނެ. ހަންގަނޑު ކަފާފަ ބާރުކުރަން ސާރޖަރީ ނުހަދަންޏާ ތިހެން ނުހުންނާނެ. މީހުން ގަމާރު ހައްދަން ނޫޅެބަލަ.



ޓްރެންޑިން