ފަނޑިޔާރުންނާއި ގުޅުންހުރި މައްސަލަތަކާއި ގުޅިގެން މިދިޔަ އަހަރު 4 ފަނޑިޔާރަކު މަޤާމުން ވަކިކޮށް، 9 ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅު އަޅާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް މިދިޔަ އަހަރު 393 ޝަކުވާ ހުށަހަޅާފައިވާއިރު މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 2.72 އިންސައްތަ މަދު އަދަދެކެވެ. އެގޮތުން 2021 ވަނަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވަނީ 404 ޝަކުވާއެވެ.

ޖޭއެސްސީ ބެލި މައްސަލަތަކުގައި 4 ފަނޑިޔާރެއް މަޤާމުން ވަކި ކުރުމަށް ނިންމާފައިވާއިރު، 12 ފަނޑިޔާރަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެއީ ސްލޫކީ މައްސަލަ ބަލައި ނަސޭހަތް ދިނުމާއިއެކު ތަމްރީން ޕްރޮގުރާމު ފުރިހަމަ ކުރުމަށް އެންގި 9 ފަނޑިޔާރަކާއި ސަސްޕެންޑްކުރަން ނިންމި 3 ފަނޑިޔާރެކެވެ.



ޖޭއެސްސީން ބުނީ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން 24 މައްސަލައެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތިގެން ފައިލްކޮށްފައިވާކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 12 ފަނޑިޔާރަކު ރިޓަޔާ ކުރައްވާފައިވާއިރު 6 ފަނޑިޔާރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި 11 ފަނޑިޔާރަކު އަލަށް އައްޔަން ކޮށްފައި ވެއެވެ.

ޖޭއެސްސީން ބުނީ މިދިޔަ އަހަރު ނިމިގެންދިޔައިރު، ޖުޑީޝަރީގައި 170 ފަނޑިޔާރުން ތިބިކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 147 ފިރިހެން ފަނޑިޔާރަކާއި، 23 އަންހެން ފަނޑިޔާރުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު