އިދިކޮޅު ލީޑަރު އަދި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަބުދުލްގައްޔޫމް ޖަލަށްލުމަކީ ސަރުކާރުން އެޅި "ޅަ" އެެއްޗެއް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޔާމިން ޖަލަށް ލުމަކީ ސަރުކާރަށް ކުރެވުނު މޮޅު ކަމެއް ނޫން ކަމަށާއި، އެމަނިކުފާނު ޖަލަށްލުމަކީ ސަރުކާރުން އެޅި ވަރަށް ބޮޑު "ޅަ" އެއްޗެއް ކަަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމިނާއި ވާދަކުރަައްވާ ސިޔާސީ ލީޑަރުންނަށް އެމަނިކުފާނުގެ އަރިހުގައި ފަތިގަނޑު ވެސް ފިރުކާނުލެވޭނެ ކަމަށާއި އެމަނިކުފާނު ޖަލަށްލައިގެން އުޅެނީ އެހެންވެގެން ކަމަށެވެ. އަދި މީގެ ކުރިން ވެސް ރައީސް ޔާމިން ޖަލަށްލުމުން އެމަނިކުފާނުގެ މަގުބޫލް ކަމާއި އެމަނިކުފާނަށް އޮތް ތާއިދު ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިފަހަރު ވެސް ކުރިއަށްވުރެ ބޮޑަށް ޔާމީނަށް އޮތް ތާއިދު ބޮޑުވެގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޔާމިން މިނިވަންވެއްޖެނަމަ މުޅި ރާއްޖެ ކެކި އަރައިގަންނާނެ ކަމަށާއި އެމަނިކުފާނު އިންތިޚާބުގައި ވާދަކުރަށްވައިފިނަމަ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރަށްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑު ގަބޫލުކުރާގޮތުން މިހާރު މި އޮތްގޮތަށް ގޮސް ރައީސް ޔާމިން މިނިވަންކުރެވިއްޖެނަމަ އަޅުގަނޑު ދަންނަވާނީ އެއްފަހަރުން ގާތްގަނޑަކަށް 55 އާއި 65 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ރައީސް ޔާމިން ކާމިޔާބުކުރަށްވާނެ ކަމަށް، އެހެންވީމަ މިހާލަތުގައި އަޅުގަނޑުމެން ރައްޔިތުންނަށް ދޭން އޮތް އުއްމީދަކީ ހާސްވެ ނުލައްވާށޭ ކަންބޮޑުވެ ނުލައްވާށޭ، ރައީސް ޔާމިން އިރާދަކުރެއްވިޔާ ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރުމަށްޓަކައި މިއަހަރުގެ ނޮވެމްބަރު މަހު ގައުމާއި ހަވާލުވެވަޑައިގަންނަވާނެ." ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ރައީސް ޔާމިން ދޫކޮށްލަން ގޮވާލާ އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގެ އަޑު އެހުމެއް މިއަދު ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔާމިންގެ މައްޗަށް އައި ޖަލު ހުކުމާއި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތަށް ވަނީ ބަންދުވެފައެވެ. ރައީސް ޔާމިން އަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެެ.



ކިޔުންތެރިންގެ ހިޔާލު