ލ. ގަމުގައި ސަރުކާރުން އަޅާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. އެކަމާ ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ލ. ގަމުގައި ހައުސިން ޔުނިޓް ގާއިމްކުރުމަށް ބިންގާ އަޅައި ކަޑަވެސްޖެހި ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 100 ހައުސިން ޔުނިޓް ޕްރޮޖެކްޓް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ." ވިސާމް ވިދާޅުވިއެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 100 ހައުސިން ޔުނިޓް އެޅުމުގެ މި މަޝްރޫއަކީ 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެެވެ.

ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު