އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯދުމަށް ބާއްވާ ޖަގަހަ ޖަލްސާތައް މާދަމާރޭ ފަށާނެކަމަށް އެ ޖަލްސާތައް އިންތިޒާމު ކުރުމަށް ރައީސް ޞާލިޙް ހަވާލު ކުރައްވާފައިވާ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ތާއީދު ހޯދުމަށް މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލޭގެ އެކި ދާއިރާތަކުން ފުރި ތާއީދު ފޯމްތައް ކެމްޕޭން ހިންގަވާ ބޭފުޅުންނާ ހަވާލު ކުރުމަށް މިއަދު ބޭއްވި ކުޑަ ބައްދަލުވުމެއްގައި، އެ ވަގުތު ޖަގަހައިގައި ތިއްބެވި މެންބަރުންނާއި މުހާތަބު ކުރައްވާ މޫސަ ވިދާޅުވީ، މިއީ އެތެރޭގެ އިންތިހާބެއްކަމަށްވާތީ ރައީސް ޞާލިޙަށް ކެމްޕޭން ކުރުމުގެ ތެރޭގައި ވެސް އެއްވެސް ބަޔަކަށް ޗެލެންޖު ކޮށްގެން ނުވާނެކަމަށެވެ.

އަދި ކެމްޕޭން ކުރުމުގައި އެމްޑީޕީގެ ހަމަތައް ގެންގުޅެން ވާނެ ކަމަށާއި ޕްރައިމަރީ ނިމުމަށްފަހު ދެން އޮންނާނީ ދެބައިމީހުން އެއްކޮށް ރިޔާސީ އިންތިހާބަށް ދިޔުން ކަމަށް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިންގާނީ ސީދާ އެމްޑީޕީގެ ކެމްޕޭން. އިހުތިރާމާއެކު ދާނީ. މާދަމާރޭން ފެށިގެން ޖަގަހަ ކުރިއަށްދާނެ. މާދަމާރޭ އަޅުގަނޑުމެން މި ޖަގަހައިގައި ސިއްސައިގެން ދާވަރުގެ ޖަލްސާއެއް އިރާދަކުރެއްވިއްޔާ ބާއްވާނަން." މޫސަ ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީއާއި ކުރިމަތިލާފައި މިވަނީ ފެކްޝަންގެ ކޯޅުމާއިއެކު ބޮޑެތި ދެކޮޅުވުންތަކެއްގެ ތެރެއިންނެވެ. މި އިންތިހާބުގައި ދެން ނުކުންނަވާ ރައީސް މުޙައްމަދު ނަޝީދު ވެސް މިހާރު ގެންދަވަނީ ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު