މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީހުން ބިނާކުރުމުގައި މަސައްކަތުގެ ހުނަރު ފޯރުކޮށްދިނުމުގައި މިސަރުކާރުން މި ކުރާ މަސައްކަތްތަކަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށްވުރެ މުހިއްމު އަދި ގިނަ މަސައްކަތްތަކެއްކަމަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ގިނަ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓކައި. ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި. ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި. ދަތި އުނދަގޫ ދުވަސްވަރުގައި ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިއައީ،" މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާގެ މަސައްކަތުގެ ތައުލީމާއި ހުނަރު އެއީ ރާއްޖެއަށް ބޭނުންވާ އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި މި މަސައްކަތުގެ ތައުލީމާއި ހުނަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރެވޭ އުމުރުފުރާގެ އެންމެންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި ޕޮލިޓެކްނިކުން ކުރަނީ އެމަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ތަފާތު ޕޮލިސީތައް ވެސް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަގުފަހިކޮށްދެވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮވިޑުގެ އާލިމީ ވަބާއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ޚާއްސަކޮށް ސްކިލްޑް މީހުންނާއި ސެމީ ސްކިލްޑް މީހުން ރާއްޖެ ދޫކޮށްލާފައި ދިއުމުން އަޅުގަނޑުމެން ތައާރަފްކުރި ސްކިލްސް ފޯ ރެޒިޑެންސް ވޯކް ފޯސްގެ ސްކީމުގެ ވާހަކަ. ދަރިވަރުންނަށް ހިލޭ ކިޔަވައިދިނުމުގެ އިތުރަށް ޕޮކެޓު މަނީއެއް ދީގެން ފަތުރުވެރިކަމާއި އައިސީޓީގެ ދާއިރާއިން އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން ކޯސްތަކަށް ދަރިވަރުން އެޓްރެކްޓު ކުރުވާ އެކުދިންނަށް މަސައްކަތުގެ ދާއިރާއަށް ނެރެދިނުމުގެ މާތް މަގުސަދު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހުނަރުވެރި ދިވެހިން އެބަތިބިކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ނަމަވެސް ސަނަދެއް ނެތުމުން ގޮންޖެހުންތައް ކުރިން ކުރިމަތިވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ރަސްމީ ތައުލީމުގެ ދާއިރާއަށް ނުވަދެ ސަނަދެއް ހޯދުމުގެ ފުރުސަތު ފޯރުކޮށްދީފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި މަސައްކަތްތައް ބޭނުންވާ ދާއިރާތައް ދެނެގަންނަން މުހިއްމު ކަމަށާއި ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމައްޓަކައި ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުން މުހިއްމު ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދަނީ އަތޮޅު ތެރޭގައި ވެސް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، އަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫ، ރ. އަލިފުށި، ނ. ކެނދިކުޅުދޫ،ހއ. ދިއްދޫގެ މަސައްކަތްތައް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު