އިބްރާހިމް ފަހީމް   21 ޑިސެމްބަރު 2022 - 17:19
ރ. އަލިފުއްޓާއި އެއްފަޅެއްގައި އޮންނަ އެއްތިގިލި އަލިފުށީގެ އިހުތިސާސުން ވަކިކޮށްފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއި ކުރައްވާ ނެރުއްވި ގަރާރެއްގައެވެ.

އަލިފުށީގެ އިހުތިސާސަށް މި ބަދަލު ގެންނަވަން ނިންމެވި ސަބަބެއް ކަމަށް ގަރާރުގައި ވިދާޅުވެފައި ނުވިނަމަވެސް، ސަރުކާރުން މީގެކުރިންވެސް ވަނީ އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ އަލިފުށީގެ ބިން ހިއްކުމުގެ މަސައްކަތާއިއެކު އެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.

އަލިފުށީގެ އިހުތިސާސްގައި އެއްތިގިލި ހިމޭނޭގޮތަށް އެންމެ ފުރަތަމަ އިހުތިސާސް ކަނޑައަޅުއްވާފައިވަނީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ.

އަލިފުއްޓަކީ ރ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އަތޮޅުގެ އެހެން ރަށްރަށާއި އެކަހެރިކޮށް އޮންނަ ރަށެކެވެ. އެ ރަށުގެ ބިން ހިއްކުމާއި އެއަރޕޯޓު އެޅުމުގެ މަޝްރޫއަކީ މިހާރު ހިނގަމުންދާ މުހިންމު މަޝްރޫއުތަކެވެ.



ކިޔުންތެރިންގެ ހިޔާލު