ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 39،000 މެންބަރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޕާޓީން ބޭރުކޮށްލައްވާފައިވާކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އިންސާފުވެރި މިނިވަން އިންތިހާބުތަކަށް އަބަދުވެސް ތާއީދުކުރާ ޕާޓީއެއް ކަމަށާއި ނަމަވެސް، އެމްޑީޕީގެ ދަފުތަރުގައި ހިމެނުނު 39،000 މެންބަރުން ފާއިތުވި އަހަރުގައި ރައީސް ޞާލިޙްވަނީ ޕާޓީން ވަކިކުރައްވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޕާޓީގެ ދަފްތަރު ސާފުކުރުމަކީ ކުރަންޖެހިފައިވާ ކަމެއްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް އެކަން ކުރުމުގެ ނަމުގައި ރައީސް ޞާލިޙް ވަނީ އެމަނިކުފާނަށް ވޯޓު ނުދޭނެހެން ހީވާ، ޕާޓީގައި ގިނަ ދުވަސްވީ މެންބަރުން ވަކިކޮށް ބޭރުކުރައްވާފައި ކަމަށެވެ.



އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ހާމަ ކުރެއްވުމަށްފަހު ނަޝީދު ގެންދަވަނީ ދަފްތަރުގެ މައްސަލަތައް ދައްކަވަމުންނެވެ. އެގޮތުން އެއީ ގަޑުބަޑުކޮށްފައިވާ ދަފްތަރެއްކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެމްޑީޕީން މިކަން ދޮގުކުރެއެވެ. އަދި އެ ޕާޓީގެ ރައީސް މިފަދައިން ވާހަކަފުޅު ދައްކަވާތީ އެ ޕާޓީންވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު