އަހުމަދު މަސްނޫމް   21 ޑިސެމްބަރު 2022 - 13:2
މިދިޔަ އާދިއްތަދުވަހު ގަތަރުގައި ނިމުނު ވޯލްޑް ކަޕުން ފުޓްބޯޅައިގެ މައި އިދާރާ ފީފާއަށް 7.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މިފަހަރުގެ ވޯލްޑް ކަޕުގެ އެކި ކޮމާޝަލް ޑީލްތަކުން ފީފާއަށް 7.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އޭގެކުރިން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުން ފީފާއަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 1 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވީ އެންމެ ސިޓީއެއްގައި މެޗުތައް އޮތުމުން ހިނގި ލޮޖިސްޓިކަލް ހަރަދުތައް ކުޑަވުމުންނެވެ.

ފީފާއަށް ވޯލްޑް ކަޕުން އާމްދަނީ ލިބެނީ ބްރޯޑްކާސްޓިން ރައީޓްސް، މާކެޓިންގ ރައިޓްސް، ހޮސްޕިޓާލިޓީ ރައިޓްސް، ޓިކެޓްގެ އާމްދަނީ، ލައިސަންސްސިންގ ރައިޓްސް އަދި އެހެނިހެން އާމްދަނީންނެވެ.

މީގެތެރެއިން ޓީވީ ރައިޓްސްއަކި ވޯލްޑް ކަޕުން ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން 56 އިންސައްތައެވެ. މާކެޓިންގ ރައިޓްސްއަކީ 29 އިންސައްތައެވެ. އަދި ބާކީ ހުރި ރައިޓްސްއަކީ އާމްދަނީގެ 15 އިންސައްތަ ހިއްސާކުރާ ވަސީލަތްތަކެވެ.

ނިމުނު ވޯލްޑްކަޕްގައި ފީފާއަށް ޓީވީ ރައިޓްސް ވިއްކައިގެން 2.6 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނުކަމަށް ރިޕޯޓްކޮށްފައިވާއިރު، މާކެޓިންގ ރައިޓްސްއިން 1.35 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ޓިކެޓް ވިއްކައިގެން ލިބުނު އާމްދަނީ 1 ބިލިއަން ޑޮލަރަށް އަރައެވެ.

ފީފާއަށް ޢާމްދަނި ލިބޭ އެންމެ ބޮޑު ވަސީލަތަކީ ކޮންމެ 4 އަހަރަކުން އެއް ފަހަރު ބާއްވާ ވޯލްޑް ކަޕެވެ. އަދި ކޮންމެ 4 އަހަރަކަށް ބަޖެޓް ފާސްކުރާއިރު، ކުރިއަށް އޮތް 4 އަހަރުގެ ބަޖެޓް ވަނީ ފީފާ ކައުންސިލަށް މިމަހުގެ 16 ވަނަ ދުވަހު ހުށަހަޅާފައެވެ. ހުށަހަޅާފައިވާ ބަޖެޓްގައިވާ 2026 ވަނަ އަހަރު މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުން 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފީފާއަށް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު