ދިވެހިރާއްޖޭގެ އިގްތިޞާދު ކޯވިޑަށްފަހު ކުރިއަރަމުންދިޔަނަމަވެސް ދަރަނީގެ ސަބަބުން އިގްތިސާދަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ބުނެއެވެ.

އައިއެމްއެފުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ކޮންމެ އަހަރަކު ނެރޭ ރިޕޯޓްގައެވެ.

އައިއެމްއެފުން ނެރުނު ރިޕޯޓްގައި ބުނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑަށްފަހު އިގްތިޞާދު އިއާދަވުން ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން ކޯވިޑްގެ ތެރޭގައި އިގްތިސާދު 33.5 އިންސައްތަ ދަަށަށް ދިއުމަށްފަހު، މިދިޔަ އަހަރު 37 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށެވެ.

އައިއެމްއެފުން ބުނީ ޓޫރިޒަމްގެ ސަބަބުން އިގްތިސާދު ކުރިއަރަމުންދާއިރު އޭގެ ފައިދާ ޓްރާންސްޕޯޓް އަދި ޓްރޭޑް ސިނާއަތަށް ކުރަމުންދާކަމަށެވެ. އަދި އަންނަ އަހަރުވެސް ރާއްޖޭގެ އިގްތިސާދު 6.6 އިންސައްތައަށް ކުރިއަރައިގެންދާނެކަމަށްވެސް ރިޕޯޓްގައިވެއެވެ.

އިންފްލޭޝަން މައްޗަށް ދިޔަނަމަވެސް ސަރުކާރުން ދޭ ސަބްސިޑީގެ ސަބަބުން އަގުތައް ހިފެހެއްޓިފައިހުރިކަން އައިއެމްއެފްގެ ރިޕޯޓްގައިވެއެވެ. އަދި އަންނަ އަހަރު އިންފްލޭޝަން އިތުރަށް މައްޗަށް ދާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

އައިއެމްއެފްގެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދިޔަނަމަވެސް ދަރަނި ބޮޑުވުމަކީ އިގްތިސާދަށް އޮތް ގޮންޖެހުމެކެވެ. އެގޮތުން މިއަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ 16.5 އިންސައްތައަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން ދަރަނީގެ ސަބަބުން އެކިކަހަލަ ގޮންޖެހުންތައް އިގްތިސާދަށް އޮތްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު ޑޮލަރުގެ ތާށިކަން ރާއްޖެއަށް އޮތްއިރު، ޗައިނާ މާކެޓް ރާއްޖެއަށް ހުޅުވާލުމަކީ އެކަމަށް ލިބޭނެ ލުޔެއްގެ ގޮތުގައި އައިއެމްއެފުން ސިފަކުރެއެވެ.

އައިއެމްއެފްގެ ރިޕޯޓްގައި ވަނީ ހަރަދުތައް ހަމަޖެއްސުމަށް ސަބްސިޑީ އެންމެ ބޭނުންވާ ފަރާތްތަކަށް ދިނުމަށާއި ސަރުކާރު ކުންފުނިތައް ހިންގާ އުސޫލުތައް އިސްލާހުކުރުމަށްވެސް ލަފާދީފައެވެ.

ރާއްޖޭގައި ނަގަމުން އަންނަ ޓެކްސްތައް ބޮޑުކުރުމަށް ނިންމާފައިވާތީ އައިއެމްއެފުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު