ޖަޕާނާއި ރާއްޖެއާ ދެމެދު ދިގު ސިޔާސީ ގުޅުމެއް އޮތް އިރު ޖަޕާނަކީ އަބަދުވެސް ދެގޮތެއް ނުވެ ރާއްޖެއާއެކު ދެމި އޮތް ޤައުމެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަކެއި ޝުންސުކެގެ ރަސްމީ ދަތުރުފުޅާގުޅިގެން، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވި ޚާއްސަ ފަރިއްކޮޅުގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދުގެ ވާހަކަފުޅުގައި 55 އަހަރުވީ ދިގު ސިޔާސީ ގުޅުމެއް ދެ ޤައުމުގެ ދެމެދުގައި އޮތް އިރު ޖަޕާނަކީ އަބަދުވެސް ދެގޮތެއް ނުވެ ރާއްޖެއާއެކު ދެމި އޮތް ޤައުމެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ޙާލަތެއްގައިވެސް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ އެއް ޤައުމަކީ ޖަޕާނުކަން ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.އެގޮތުން ސުނާމީގެ ޙާލަތުގައި ވެދިން އެހީތެރިކަމާއި، އޭގެ ފަހުން މާލެ ވަށާ ތޮށިލުމަކީ ޖަޕާނުން ވެދިން އެންމެ ފާހަގަކޮށްލެވޭ ބޮޑު އެއް އެހީކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޞިއްޚީ، ދިފާއި އަދި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިންވެސް އެ ޤައުމުން ވެދީފައިވާ އެހީތަކަކީ މިހާރުވެސް ފެންނަން ހުރި އެހީތައްކަމަށެވެ. އަދި ފާއިތުވެ ދިޔަ 55 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ގުޅުމަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު