ސަރުކާރަށް މިވީ ހަތަރު އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ އާ އިންޖީނުގެ އެކި ރަށްރަށުގައި އަޅާފައިވާ ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީ ކަރަންޓުގެ ޚިދުމަތާ މެދުގައި ކަމަށެވެ. އަދި ފެނަކައާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކޮށްފައިވާ ކަމަށާއި އެއީ ރިކޯޑް އަދަދެއް ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް މިވީ ހަތަރު އަހަރުގެ ތެރޭގައި ތިންސަތޭކައަށްވުރެ ގިނަ ޖަނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



"100 އަށް ވުރެ ގިނަ އާ އިންޖީނުގެ އެއީ ރިކޯޑް އަދަދެއް. އިންޖީނުގެ މިވަނީ ރަށުގެ އެހެން ފަރާތަކަށް ބަދަލުކުރެވި އިންޖީނުގެ އަދި އޮފީސް އިމާރަތް އެޅިފައި. ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީ އިންޖީނުގެ ބަދަލުކުރުމުން ނިމުނީއަކީ ވެސް ނޫން، އެއާއެއްކޮށް ކޭބަލް ބަދަލު ކުރުމަށާއި ޓްރާންސްފޯމަރު ބެހެއްޓުމަށާއި އެނޫންވެސް އެތަށް ކަމެއް. ޖަނަރޭޓަރު ސެޓަށް ބަލާކަމަށް ވައްޏާ 300 އިން މައްޗަށް އަރައިފި، ސްޓެލްކޯ އާއި ފެނަކައިން އެއްކޮށް ސަޕްލައި ކުރެވުނު އާ ޖަނަރޭޓަރުގެ އަދަދު. މިއީ ކަރަންޓާ ގުޅުން ހުރި ކަންތައްތަކުގެ ވާހަކަ މިއީ އަޖައިބެއް." ނާއިބް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނާއިބް ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ތެލަށް ބަރޯސާވުން މިހާރަށްވުރެވެސް ކުޑަކުރަންޖެހޭ ކަމަށެވެ. ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާ ނަމަވެސް ދުނިޔޭގެ އިޤުތިޞާދަށް އަންނަ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ކޯވިޑް-19ގެ ހާލަތުންނާއި، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގެ ސަބަބުންވެސް އެނގި ހާމަވާކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

މިގޮތުން، ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ނާއިބް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ތާރީޚަށާއި، ސްޓެލްކޯއިން މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށުނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްޤީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު