އިއާދަ ކުރަނިވި ހަކަތަ އިތުރުކޮށް އަގުހެޔޮކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ސްޓެލްކޯގެ އަމާޒަކަށް ހަދަންޖެހޭ ކަމަށް އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 73 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ދީދީ ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތް އެހެން ހަރުފަތަކަށް ގެންދަން ވިސްނަންޖެހޭ ކަމަށެވެ. ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކާއެކު ސްޓެލްކޯގެ ހިދުމަތަށް އޭގެ އަސަރު ކުރާ ކަމަށް ދީދީ ވިދާޅުވިއެވެ. އެގޮތުން ކޮންމެ އިގްތިސޯދީ ލޮޅުމަކުން ހާއްސަކޮށް ތެލަށް ބަރޯސާވާ ބޮޑު ހިދުމަތެއްދޭ ކުޑަ ޖަޒީރާ ގައުމެއްގެ ކުންފުންޏަކަށް އެ އަސަރު ނުކޮށް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތެލަށް ބަރޯސާވުން ކުޑަކޮށް އިއާދަކުރަނިވި ހަކަތަ އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

"އިއާދަކުރަނިވި ހަކަތަ އެއީ އިރުގެ ދޯދި ކަމަށް ވިޔަސް ހުޅަނގާ އިރުން ޖެހޭ ވައިކަމުގައި ވިޔަސް އަދި އަޅުގަނޑުމެންގެ ކަނޑުއޮޅިތަކުގައި ޖެހޭ އޮއިކަމުގައި ވިޔަސް މިހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ހެއުގޮތުގައި ދެމެހެއްޓެނިވިގޮތުގައި ޔަގީންކަމާއެކު އަގުހެޔޮކޮށް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ 70 އަހަރަށްވުރެ ގިނަ ދުވަސްވީ މި މުވައްސަސާގެ އެންމެ ބޮޑު އަމާޒަކަށް ހަދަންޖެހޭ." އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ޗެއާމަން އިބްރާހިމް ދީދީ ވަނީ ސްޓެލްކޯގެ 73 އަހަރުވީ ދިގު ތާރިޚުގައި އެކުންފުނިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. އިބްރާހިމް ދީދީ ވިދާޅުވީ މިއަދާއި ހަމައަށް 100 އިންސައްތަ ދައުލަތުގެ ހިއްސާވާ ސްޓެލްކޯއިން ގްރޭޓާ މާލޭ ސަރަހައްދާއި މުޅި މާލެ އަތަޮޅާއި، އ. އަތޮޅު އަދި ވ. އަތޮޅުގައި ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރަންޓުގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތްތައް ވެސް ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ދީދީ ވިދާޅުވީ މިއަދު ސްޓެލްކޯއިން މާލެ އަތޮޅާއި އ. އަތޮޅާއި ވ. އަތޮޅުގައި 38.4 މެގާ ވޮޓްގެ ފޮސިލް ފިއުލް އެނާޖީ އަދި ދެ މެގަ ވޮޓްގެ ރިނިއުބަލް އެނާޖީ ގާއިމް ކޮށްފައިވާ ކަމަށެވެ. ގްރޭޓާ މާލޭ ސަރަހައްދުގައި 3.4 މެގާ ވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ އެނާޖީ އަދި 110 މެގާވޮޓްގެ ތެލުން އުފައްދާ އެނާޖީ ފޯރުކޮށްދެމުންދާ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު