އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ތާއިދު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ނިންމަވައިފިއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގައި އިސްކޮށް އުޅުއްވާ މުހައްމަދު ގަސަމަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރެވެ. ގަސަމް މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދު ކުރައްވަން ނިންމަވައި ތާއިދު ފޯމްގައި ސޮއިކުރަށްވާފައިވާ ކަމަށެވެ.



އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފަ އެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާ ބޭފުޅުން 500 މެންބަރުންގެ ތާއީދު ފޯމާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި އެންމެ މެންބަރުންގެ ތާއީދަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ. އެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ވަނީ ޕްރައިމަރީގައި ރައީސަށް ތާއިދު ކުރަން ނިންމަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު