އަހުމަދު މަސްނޫމް   20 ޑިސެމްބަރު 2022 - 20:13
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވައި، އެ ޤައުމުން ވެދެއްވާ ދީލަތި އެހީތަކަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝުކުރު އަދާކުރަށްވައިފިއެވެ.

މިނިސްޓަރ މާރިޔާ ޖަޕާނުގެ އެހީތެރިކަން ފާހަގަ ކުރަށްވައި އެގައުމަށް ޝުކުރު އަދާކުރެއްވީ ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލެއް ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.



މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވައި، އެ ޤައުމުން ވެދެއްވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރަށްވާފައެވެ. ހަމައެއާއެކު، ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި އޮއިލް ބޫމް ވެސަލް ވެގެންދާނީ، ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޤައުމެއްކަމަށާއި، އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައާއި، ތަޢުލީމީ ދާއިރާއާއި، ހެލްތު ކެއަރ އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުން އެ ޤައުމުން ގިނަގުނަ އެހީތެރިކަން ވެދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މާލެ ވަށައިގެން ލާފައިވާ ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމެއްކަން ފާހަގަކުރައްވައި، ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ ވެސް ޖަޕާނުގެ ދުރުވިސްނުމާއެކު ބިނާ ކުރެވިފައިވާ އެ ބޭރު ތޮށީގެ ސަބަބުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ރަސްމިއްޔާތަށްފަހު، ޢިއްޒުއްދީން ޖެޓީ ސަރަހައްދުގައި އޮއިލް ބޫމް ވެސެލްގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެެވެ.



ކިޔުންތެރިންގެ ހިޔާލު