ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ (އެމްޑީޕީ) އެނގޭނީ އެ ޕާޓީ އުފެއްދި މީހުންނަށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕާޓީއާއި ދުރުގައި ހުންނެވުމަށްފަހު އަލުން ގުޅިވަޑައިގެން ރައީސް ޞާލިޙާއިއެކު މަސައްކަތް ކުރައްވަން ފައްޓަވާފައިވާ މޫސަ މިއަދު ވިދާޅުވީ، ބަނޑުޖެހިފައި ފަހަތުފަޔަށް ބުރަވެފައިއޮތް އެމްޑީޕީ ނިދިން ހޭލައްވާލައި ޕާޓީގެ ހަރަކާތްތައް މޫސަގެ އެންމެ ލަފުޒަކާއި އެއްގަނޑު ފޮޓޯއިންވެސް މިއަދު މިވަނީ ފެށިފައި ކަމަށެވެ.

އަދި މިދާ ބާރުމިނުގައި ގޮސް މަންޒިލަށް ވާސިލުވާނެ ކަމަށާއި އެމްޑީޕީ އެނގޭނީ އެމްޑީޕީ އުފެއްދި މީހުންނަށްކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ މިފަދައިން ވިދާޅުވެފައިމިވަނީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައިވަނިކޮށެވެ. އޭގެ އިތުރުން މޫސަ ވަނީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް އޭނާ އިސްވެހުންނަވައިގެން ފައްޓަވަން ނިންމަވާފައިވާކަން މީގެ ކުރިން ހާމަ ކުރައްވާފައެވެ.



ރީކޯ މޫސައަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން ޕާޓީއަކީ ރައީސް ނަޝީދުގެ އެކަނި އެއްޗެއްކަމަށް ދައްކަންބައެއް ފަރާތްތަކުން ކުރާ މަސައްކަތަށް މޫސަ އަބަދުވެސް ދެކޮޅު ހަދާ އަޑުއުފުލައެވެ.



ކިޔުންތެރިންގެ ހިޔާލު