އިލެކްޝަންސް ކޮމިޝަންގެ ސެކިއުރިޓީ ރޫމާއި ގުދަނެއް ފަޅާލައި ވައްކަންކޮށްފަައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކޮމިޝަންގެ ސެކިއުރިޓީ ރޫމް ފަޅާލާ ވައްކަން ކޮށްފައިވަނީ ހުސްވި ނޮވެންބަރު 30 ވަނަ ދުވަހު ކަމަށާއި އަދި ބާ ޖަމާލުއްދީން އިމާރާތުގައި ހުރި އެ ކޮމިޝަންގެ ގުދަނެއް ފަަޅާލާ ވައްކަން ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި ދެ މައްސަލަ ވެސް މިހާރު ފުލުހަށް ހުށައަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ސެކިއުރިޓީ ރޫމް ފަޅާލިއިރު އެތަނުގައި އިންތިހާބާ ބެހޭ އެއްވެސް ލިޔެކިޔުމެއް އަދި އިންތިހާބާ ބެހޭ އެއްވެސް މަސައްކަތެއްވެެސް ކުރިއަށް ނުދެއެެވެ. އެހެން ނަމަވެސް ކައުންސިލް އިންތިހާބުގައި ބޭނުންކުރި ފަސް ނެޓްބުކް ގެއްލިފައިވުމުގެ އިތުރުން އެތަނުގައި އެއްވެސް އެއްޗެއް އަޅާފައި ނެތް ތިޖޫރީއަކަށް ގެއްލުން ދީފައިވާ ކަމަށް އެކޮމިޝަނުން ބުންޏެެވެ.

މީގެ އިތުރުން ގުދަން ފަޅާލާ 11 ޔޫޕީއެސްއާއި 65 އިންޗީގެ ދެ ޓީވީއާއި ދެ ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓް އެކްސްޓެންޝަން ބޯޑެއް ވަގަށް ނަގާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ މި ދެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް އެއްވެސް ބައި އިލެކްޝަނަކަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ ކުންފުނިތަކާއި މަޝްވަރާކޮށް ސެކިއުރިޓީ ވަރުގަަދަ ކޮށްފައިވާ ކަމަށާ އިންތިހާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސެކިއުރިޓީގެ ކަންކަން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެެވެެ.

މި ވައްކަމުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު