އިބްރާހިމް ފަހީމް   20 ޑިސެމްބަރު 2022 - 19:12
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ފަރާތެއް ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ޓީމުން ކެމްޕޭން ފަށައިފިއެވެ.

އެޓީމްގެ ކެމްޕޭން ރަސްމީކޮށް މިއަދު ފަށާފައިވަނީ އެމްޕީއެލް ސަރަހައްދާއި ކަސްޓަމްސް ސަރަހައްދުގައެވެ. އެ ސަރަހައްދުތަކުގައި ރައީސް ނަޝީދަށް ތާއީދުކޮށް ފޯމްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. ހަރަކާތް ކުރިއަށްދިޔައިރު ޕިކަޕްގައި ސައުންޑް ހަރުކޮށްގެން ރައީސް ނަޝީދަށް ކެމްޕޭން ކޮށްފައިވެސް ވެއެވެ.

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްޑީޕީގެ ނަޝީދު ފެކްޝަންގައި އިސްކޮށް ކުރިންވެސް އުޅުއްވި، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީފަދަ ބޭފުޅުންނެވެ. މި ހަރަކާތުގައި އީވާގެ އިތުރުން އިމްތިޔާޒް ފަހުމީ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެ ބޭފުޅުންގެ ވާހަކައިގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަވުމަށް ރައީސް ނަޝީދަށް ވޯޓު ދޭންޖެހޭ ކަމުގެ މުހިންމުކަމުގެ މައްޗަށެވެ.

ރައީސް ނަޝީދަށް ތާއީދުކޮށް ފޯމް ފުރުން މިރޭވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މިރޭގެ ހަރަކާތް ކުރިއަށްދާނީ ރޭގަނޑު 8:30 އިން ފެށިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު