ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އެ ގައުމުގެ ވެރިރަށް، ބޮއެނަސް އައިރީޒްގެ މަގުތައް ފުރާލައިފިއެވެ.

އާރޖެންޓީނާގެ ޓީމު ތަށްޓާއެކު ގައުމަށް އެނބުރި ދިޔައީ އާޖެންޓީނާއަށް ވަރަށް ލަސް ވަގުތެއްގައެވެ. ރާއްޖެ ގަޑިން މިއަދު ހެނދުނު 11:00 އަދި އާރޖެންޓީނާ ގަޑިން ދަންވަރު 3:00 ޖަހަނިކޮށް ޓީމު ދަތުރުކުރި ބޯޓް ބޮއެނަސް އައިރީޒްގެ އެއަރޕޯޓަށް ޖެއްސިއިރު، އެއަރޕޯޓްގައިވެސް ގިނަ ބަޔަކު މަރުހަބާ ކިޔުމަށް ޖަމާވެފައި ތިއްބެވެ.



ޓީމުގެ ކުޅުންތެރިން ތިބޭ ބަސް ބޮއެނަސް އައިރީޒްގެ މަގުތަކުން ދަތުރުކުރަމުންދިޔައިރު، އެ ސިޓީގެ މަގުތަކަށް ވަނީ އެތައް ލައްކަ ބަޔަކު ޖަމާވެފައެވެ.



ބެލެވޭ ގޮތުގައި 36 އަހަރަށްފަހު ވޯލްޑް ކަޕް ހޯދި އާރޖެންޓީނާގައި މި ކާމިޔާބީ ފާހަގަކުރަން ގިނަ ހަރަކާތްތަކެއް، ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާގޮތަށް ކުރިއަށްދާނެއެވެ.

އާޖެންޓީނާއިން މުބާރާތް ކާމިޔާބުކުރީ އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެނެވެ. މުބާރާތުގެ ހުރިހާ ގޮތަކުންވެސް ތަފާތު މޮޅު ކުޅުމެއް އާޖެންޓީނާއިން ދެއްކިއިރު، މުބާރާތުގެ ވަކިވަކި ކުޅުންތެރިންނަށް ދޭ އެވޯޑްތައްވެސް އެންމެ ގިނައިން ލިބުނީ އެ ޓީމުގެ ކުޅުންތެރިންނަށެވެ. އެއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް އަދި އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑެވެ.



ކިޔުންތެރިންގެ ހިޔާލު