ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަންދާ މީހުން ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެއަރޕޯޓުގެ ކިއުތައް ދިގުކަމަށެވެ. އެހެންކަމުން ޑިލޭތައް މަދުކުރުމަށްޓަކައި ފުރުމުގެ 3 ގަޑިއިރުކުރިން އެއަރޕޯޓަށް އައުމަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށްވެސް އެމްއޭސީއެލުން ވަނީ އެދިފައެވެ.



މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަން ކަމުން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކައުންޓަރުތައްވެސް އިތުރުކޮށްފައެވެ. އޭގެތެރޭގައި ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ފަތުރުވެރިންގެ ޕީކް ސީޒަނާއި ދިމާކޮށް އެއަރޕޯޓަށް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން، މިދިޔަ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސަށްވުރެ އިތުރުވެގެންދާނެއެވެ. މަތިންދާ ބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓު، 2 މިނެޓަށް ކުޑަވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު