އަހުމަދު މަސްނޫމް   19 ޑިސެމްބަރު 2022 - 23:6
އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ރަސްމީކޮށް ކެމްޕޭން ފަށްޓަވައިފިއެވެ.

ރައީސް ސޯލިހް ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައިވަނީ ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި މިރޭ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސްވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެބައްދަލުވުމަކީ ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެށިކަން ހާމަކުރުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.

މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޕްރައިމަރީގައި ވާދަކުރަށްވައި ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ނިހާދު ވިދާޅުވިއެވެ.

"މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ގައުމީ މަޖިލީހުގެ އެންމެން ކަހަލަ ގޮތަކަށް ރައީސަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި، މާލޭގެ އެމްޕީންނާއި ދާއިރާގެ ތަކުގެ މެމްބަރުންނާއި ދާއިރާ ރައީސުންނާއި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބޭއްވީ," ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި ގާތްގަޑަކަށް 80 އާއި 90 އާއި ދެމެދުގެ އަދަދަކަށް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ގައުުމީ މަޖިލީހުގެ މެމްބަރުންނާއެކު މާދަމާ ނޫން އަނެއް ދުވަހުގެރޭ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ވަޑައިގެންނެވެން ހުރި ދާއިރާ ތަކަށް ރައީސް ސޯލިހް ވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސަށް ވަޑައިނުގެންނެވުނަސް ރަައީސްގެ ކެމްޕޭން ޓީމުން ރާއްޖޭގެ ނާރާ އެންމެ ރަށެއް ވެސް ނޯންނާނެ ބައްދަލު ނުކުރާ އެެންމެ މެމްބަރެއް ވެސް ނުހުންނާނެ،" ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެރެއިން ފެށިގެން އެމްޑީޕީގެ ހަރުގެ ހަރަކާތާއިއެކު މަސައްކަތް ބާރަށް ކުރިއަށްގެންދާނެ ކަމަށެވެ.

"ދަތުރުތަކާއި މާލޭގެ އިބޫގެ ހަރުގެ ޖަލްސާތަށް ބޭއްވުން ފަދަ ކަންތަކާއި އެކީގައި ހަރަކާތްތަށް ފެށިގެންދާނެ،" ނިހާދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައިވާއިރު، ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަން ނިންމަވާފައެެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު