އޮޅުވާލުމަކީ މޮޅުވާނެ ގޮތެއްނޫން ކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ރައްދެެއް ދެއްވައިފިއެވެ.

މޫކޭ މިހެން ވިދާޅުވީ އެމްޑީޕީގައި ތިބި ގިނަ ބަޔަކު ޕާޓީން ވަކިކޮށްފައިވާ ކަމަށާއި އެހެންކަމުން ޕާޓީގެ މެންބަރުންގެ ދަފްތަރު އޮތީ ވަރަށް ބޮޑަށް ގަޑުބަޑުވެފައި ކަމަށްވާތީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ އިންސާފުވެރިނުވާނެ ކަމަށް ވިދާޅުވެ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ ޢަލީމަނިކު (މޫކޭ) މިރޭ ވިދާޅުވީ އެމްޑީޕީގެ ދަފްތަރު ސާފުކުރުމަކީ އެޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ވެސް ވައުދެއް ކަމަށެވެ.





އަދި ޕީޕިއެމްގެ އެކްޓިވިސްޓުން އެމްޑީޕީގެ ދަފްތަރުގައި ޖެހިގެން އެތެރޭގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީގެ އާންމު މެމްބަރުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް މޫކޭ ވިދާޅުވިއެވެ.

"އެކަން ކުރީ ގައުމީ މަޖިލީހުގެ ގަރާރާއި އެއްގޮތަށް، އޮޅުވާލުމަކީ މޮޅުވާނެ ގޮތެއް ނޫން،" އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރު ހިއްސާކުރަށްވައި ރައީސް ސާލިޙުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މޫކޭ ވިދާޅުވިއެވެ.

ދަފްތަރާއި މެދު ރަައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވާފައިވަނިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ދަފްތަރެއް ކަމަށެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެވެ. މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަ ކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް ކަމަށް ބަޔާނުގައިވެއެވެ.

އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ އެމްޑީޕީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިޙާ ނަޝީދު ވެސް ވަނީ ވާދަކުރަށްވަން ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު