މިދިޔަ ހުކުރު ދުވަހު ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާތީ އެ ވީޑިއޯ އާންމުވިގޮތެއް ހޯދަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ސައިކަލު މަޑުނުކޮށްދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ލީކުކޮށްފައިވަނީ ފުލުހުންގެ ތެރެއިން ކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުން ދަނިކޮށް، ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓެއްގެ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރު ކުރުމަކީ އެ މީހެއްގެ އާއިލާއަށް ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށާއި އެ ވީޑިއޯ ދައުރު ވަމުންދާތީ އެކްސިޑެންޓުގައި މަރުވި ޖަމްބޯ އިއްސެގެ އާއިލާއިން އެކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ފުލުހުން ބުނީ، އެ ވީޑިއޯ އާންމުވެފައިވާ މައްސަލަ ފުލުހުން ދަނީ ބަލަމުން ކަމަށާއި އަދި އެއީ ކިހިނެއް އާންމުވެފައިވާ ވީޑިއޯއެއްތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިފަދައިން ބުނިނަމަވެސް، އާންމު ސީސީޓީވީ ފުޓޭޖްތައް ފުލުހުންގެ އިދާރާއިން އާންމުކޮށް ލީކުވާ ކަމަށާއި އެކަމާމެދު އެއްވެސް ފިޔަވަޅެއް އެޅިފައި ނޯންނަކަމަށް ގިނަބަޔަކު ބުނެއެވެ.

މި އެކްސިޑެންޓަކީ މިހާތަނަށް ބްރިޖުމަތީ ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ.



ކިޔުންތެރިންގެ ހިޔާލު