ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރާ ފަރާތްތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލުތައް ހިމެނޭ ގޮތަށް އެކަމާއި ގުޅޭ އުސޫލު އިސްލާހުކޮށްފިއެވެ.

2017 ވަނަ އަހަރު އެކުލަވާލާފައިވާ މި އުސޫލަކީ ގައުމުގެ އިގުތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރެވިގެން، ދެފުށް ފެންނަ، ހަރުދަނާ އުސޫލެއްގެ ދަށުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށް އެކުލަވާލެވިފައިވާ އުސޫލެކެވެ.

މި އުސޫލު އޮތްގޮތުން މީގެކުރިން ދައުލަތުން ގެރެންޓީ ދޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑަރީތަކާއި ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކެވެ.

މި އުސޫލު އިސްލާހުކޮށް އިއްޔެ ގެޒެޓްކޮށްފައިވާއިރު އެ އުސޫލުގައި ކައުންސިލުތަކުގެ އިތުރުން ދައުލަތުގެ މުސްތަގިއްލު މުއައްސަސާތައްވެސް ވަނީ ހިމަނާފައެވެ. އަދި މި އުސޫލުގެ ދަށުން އަމިއްލަ ފަރުދުންނަށް ގެރެންޓީ ދޫ ނުކުރެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުން ގެރެންޓީ ދޭ ފަރާތްތަކުގެ ތެރޭގައި ކައުންސިލްތައް ހިމަނާފައިވާއިރު، ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ 5 ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމާއި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެއެވެ.

މީގެއިތުރުން ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި 5 މިލިއަން ރުފިޔާއަށް އަގުދަށް މަޝްރޫޢުތައް ކައުންސިލުން އަމިއްލައަށް ހިންގުމުގެ އިހްތިޔާރުވެސް ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު