މަސްވެރިންގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު މަސް ކިރުވުމަށް ކިޔު ހެދުން ނިމުމަކަށް ގެނެވޭނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުުވީ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު މަސްވެރިން ބޭނުންވާ ފެންވަރަށް ޙިދުމަތްތައް ދެވިގެންދާނެކަމަށެވެ.

ފައުޒީ ވިދާޅުވީ، މިފްކޯގެ ތަރައްޤީއަށް މި ސަރުކާރުން ކުރިއަށްގެންދާ 2 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއެކު މަސް ގަތުމުގެ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށެވެ. އަދި ކޫއްޑޫ އާއި ފެލިވަރު އިތުރަށް ތަރައްޤީކުރުމާއި، އިތުރު ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތާއެކު، ފްރީޒިންގ ކެޕޭސިޓީ 1300 ޓަނާއި ހަމައަށް އިތުރުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"14000 ޓަނާ ހަމައަށް އެބައާދެ މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ، އެއީ ތިނަދޫގައި އަލަށް އަންނަ ފެސިލިޓީގައި 1000 ޓަނުގެ ކޯލްޑު ސްޓޯރޭޖެއް، 120 ޓަނުގެ ބްރައިން ފްރީޒިންގ، އެހެންވީމަ 2 ޝިފްޓަށް 240 ގަނެވޭނެ، މުލަކުގެ ފެސިލިޓީގައިވެސް 240 ޓަނު ގެނެވޭ" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ބުނީ ފެލިވަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ރޭވިފައިވަނީ 2 ބަޔަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ކުރިއަށްދަނީ މަސް ގަތުމުގެ ފެސިލިޓީއާއި ކޯލްޑު ސްޓޯރޭޖްގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތްތައް ނިމުމުން މަސްވެރިން ބޭނުންވާ ފެންވަރަށް ޙިދުމަތްތައް ދެވި، ކިއުގައި ނުޖެހި މަސް ކިރުވުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށްވެސް މިފްކޯއިން ބުނެއެވެ.

މަސް ޕްރޮސެސް ކުރުމަށް ޚާއްސަ ފެސިލިޓީއެއްގެ ގޮތުގައި ފެލިވަރު ތަރައްޤީކޮށް ޚިދުމަތް ފެށީ މީގެ 35 އަހަރު ކުރިންނެވެ. ފެސިލިޓީ ފުރަތަމަ ހުޅުވިގެން ދިޔައީވެސް 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ނިޒާމަކާއެކުއެވެ. އަދި މިހާރު 35 އަހަރު ފަހުންވެސް މި އަދަދަށް އެއްވެސް ބަދަލެއް ނާދެއެވެ.

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި މިވަނީ މަސް ބާނާ މިންވަރާ އަޅާކިޔާއިރު، މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމެވެ. ރާއްޖެ ކުރިއަރައިގެން ދިޔައިރު، މި ސިނާއަތުން އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ވަރަށް މަދެވެ.

ފެލިވަރު ތަރައްޤީކުރުމުގެ 45 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢު ރައީސް ސާލިހުގެ ސަރުކާރުން އިޢުލާންކުރެއްވީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި 2021 ވަނަ އަހަރު ވަނީ މި މަޝްރޫއުގެ މުހިންމު ޢަމަލީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކީ މަސްކިރުމަށް ޚާއްސަ ބަނދަރެއް ތަރައްޤީކުރުމާއި، އަދި މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު