ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއްޔެ ބޭއްވި އެމްޑީޕީގެ މަތި އުތުރު ދާއިރާގެ އިންތިޚާބުން ސާފުވެފައިވާ ކަމަަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް އިންތިޚާބުވެފައިިވަނީ ރައީސް ޞާލިޙް ފެކްޝަނަށް ނިސްބަތްވާ، އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސް، ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރައީސް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިންތިޚާބުވެވަޑައިގަތީ ބޮޑު ތަފާތަކުންނެެވެ.

މަތިއުތުރު ޕްރޮވިންސްގެ 40 ރަށުގައި އިއްޔެ ކުރިއަށް ދިޔަ އިންތިހާބު އަކްރަމް ކާމިޔާބުކުރެއްވީ 2988 ވޯޓް ހޯއްދަވައިގެންނެވެ. އޭނާއާއި ވާދަކުރެއްވި އަހުމަދު ހާޝިމަށް 290 ވޯޓް ލިބުނުއިރު އަހުމަދު އާދިލަށް ލިބުނީ 850 ވޯޓެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ވަރަށް ސާފުކަމަށާއި، އެކަން އިއްޔެގެ ނަތީޖާއިންވެސް ސާފުކަމަށެވެ. އިންތިހާބުގައި ރައީސް ޞާލިޙް ހޮވިވަޑައިގަންނަވާނެކަމަށާއި، އެމްޑީޕީގެ ވެރިކަމެއް ބޭނުންވާ ކަމަށް ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުށައެޅުމުގެ ފުރުޞަތު އެޕާޓީން މިއަދު ހުޅުވާލުމާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ޕާޓީގެ ޕްރައިމަރީއަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު ކަންކަން ކުރިއަށް އެދާގޮތް، އެމްޑީޕީން އަމަލުކުރަމުންދާ ގޮތާއި އެއްވެސް ތަފާތެއް ނެތް ކަމުގައި ނިހާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަހަނާ ނުދައްކާ އިންތިހާބަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިމަތިލައްވަންވީކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު