ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިން ދައުލަތުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކަށް އަޑު އުފުލަން ޒިޔާރަތް ކޮށްފިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަޑައިގެންނެވީ ދައުލަތުގެ މިޑީއާ ޕީއެސްއެމްއާއި ދިވެހި ގައުމީ ބެންކު، ބީއެމްއެލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ.

ޕީޕީއެމުން ބުނީ ބީއެމްއެލަށް ދިޔައީ ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގުމާއި، ޑޮލަރު ލިބުމުގެ ދަތިކަމުންނާއި، ބީއެމްއެލްގައި ހުންނަ ރައްޔިތުންގެ އަމިއްލަ ފައިސާ ބޭނުން ނުކުރެވުމާއި، ފައިސާނަގަން ލިމިޓޭޝަންސްތައް ހުރުމުންނާއި، ސްކޭމްތައް އިތުރުވެ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާތީކަމަށެވެ. މީގެ އިތުރުން ބީއެމްއެލްއާއި ބައްދަލުކުރަނީ އެމްއެމްއޭގެ ގަވަރަނަރާއި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާވެސް ގުޅިގެންކަމަށް ޕީޕީއެމްއިން ބުނެއެވެ.

ނަމަވެސް މިއަދު ބީއެމްއެލްގެ ބޭފުޅުންނާއި ބައްދަލުވާގޮތް ނުވުމުން މިކަންކަމާއި ގުޅިގެން މަޝްވަރާކުރެއްވުމަށް މާދަމާ 13:00އަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބީއެމްއެލަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.



ބީއެމްއެލްގެ އިތުރުން ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއަށްވެސް ޒިޔާރަތް ކޮށްފައެވެ. އެތަނަށް ދިޔައީ ސަރުކާރު ޕްރޮމޯޓްކޮށް، އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދޭކަމަށް ބުނެއެވެ.

ޕީޕީއެމުން ބުނީ ޕީއެސްއެމަށް ދިއުމުން އެތަނުގެ ސީއީއޯ އެ ބޭފުޅުންނާއި ބައްދަލުނުކުރައްވައި، އެތަނުން ވަޑައިގެންނެވިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު