މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޕްރީ ޝޯވގައި ދިވެހި ކޮމެންޓޭޓަރުންގެ ބަސްމަގު ހުންނަގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމުމަކާއި ހަމައަށް ގޮސްފައި ވާއިރު ނިމިދިޔަ މެޗުތަކުގެ ޕްރީ ޝޯ ތަކަށްބަލާއިރު ދިވެހި އެނަލިސްޓުންނާއި ކޮމެންޓޭޓަރުން މެޗުގެ ކުރިން ދައްކާ ވާހަކަތަކަށް ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ދައްކާ ބައެއް ވާހަކަތަކާއި ގުޅިގެން ބައެއް މީހުން ހޫނު ފެނަށްވެސް ވެއްޓިފައި އެބަހުއްޓެވެ. އަދި ބައެއް މީޙުން ދައްކާ ވާހަކަތައް ޖޯކަކަށްވެގެން ބައެއް މީހުން މަލާމާތްވެސް ކޮށްފައި އެބަހުއްޓެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ ފުޓްބޯޅައަށް ވަރަށް ލޯބިކުރައްވާ ފަރާތަކަށްވާއިރު އެމަނިކުފާނު ގެންދަވަަނީ މި ފަހަރުގެ ވޯލްޑް ކަޕާއި ގުޅޭ ވާހަކަތައް ޓްވިޓަރގައި ހިއްސާކުރައްވަމުންނެވެ.

މި ފަހަރު އެމަނިކުފާނު ޓްވީޓަރގައި ހިއްސާކުރެއްވީ ކަންބޮޑުވުމެކެވެ. އެއީ ބައެއް ޓީވީ ކޮމެންޓޭޓަރުންގެ ވާހަކަތައް ހުންނަގޮތުންނެވެ. އެގޮތުން ބައެއް ޓީމުތަކަށް ނިކަމެތި ބަސްތައް ރައްދުކުރާތީ ރައީސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

"ކީއްވެތޯ ބައެއް ދިވެހި ކޮމެންޓޭޓަރުން ބައެއް ޓީމުތަކަށް ނިކަމެތި ބަސް ރައްދުކުރަނީ؟ ރޭވެސް އެބުނީ މިމުބާރާތް ފެށުނުއިރު އެކަކުވެސް ނުބުނާނެއޯ މޮރޮކޯ މިހާހިސާބަށް އަންނާނެއެކޭ. ސާބަސް!" މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.



މައުމޫން ވަނީ މީގެކުރިން ބައެއް ކުޅުންތެރިން ނަން ކިޔާއިރު އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަށްވާފައެވެ.



"މިރޭ ވާރލްޑްކަޕް ފެށޭނެ. ހުރިހާ ފަރާތްތަކުންވެސް ކުޅޭ ޓީމްތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުންކުރެއްވުން ވަރަށް މުހިންމު. މިސާލު: ބެންޒީމާ. ބެންޒެމާއެއް ނޫން." މައުމޫން ކުރެއްވި ޓްވީޓެއްގައި އޮތެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ މިރެއެވެ. މިރޭ 8:00 ޖަހާއިރު ފަށާ މެޗުގައި ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާއި ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށްވާ އާޖެންޓީނާއެވެ.



ކިޔުންތެރިންގެ ހިޔާލު