ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 4 ބިލެއް ތަސްދީގުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ކުނި މެނޭޖުކުރުމުގެ ޤާނޫނާއި، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނު އަދި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ޤާނޫނެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ [ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993] ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނަކީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ފާސްކޮށްފައިވާ ބިލެކެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަަ، 2 ރުފިޔާއާ އެއްވަރުގެ އަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ. މި ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މި ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލެވީ ނެގުން، މި ޤާނޫންނަށް އަމަލުކުރަން ފަށާ ތާރީޙުން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމްވާނެ ކަމަށެވެ.

މި ބިލުތަކުގެ އިތުރުން މިއަދު ތަސްދީގު ކުރެއްވި އަނެއް ގާނޫނަކީ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނެވެ.



ކިޔުންތެރިންގެ ހިޔާލު