ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫންކަމަށް އެކޮމިޝަންގެ ރައީސް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން މިހެން ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހިސާން ވިދާޅުވީ، ޖޭއެސްސީގެ މަސައްކަތަކީ އެއްބައެއްގެ ހިތްހަމަޖެހުމާއި އަނެއްބައެއްގެ ހިތްހަމަނުޖެހުމުގެ ތެރެއިން، ތައުރީފާއި ފާޑުކިޔުމުގެ ތެރެއިން ކުރާ އުނދަގޫ މަސައްކަތެއްކަމަށެވެ. ނަމަވެސް، ކުރާ މަސައްކަތެއް ކުރަނީ ކޯޓުގެ ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހައްގުވާ މީހެއްކަމަށް ދެކިގެން ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.

އަދި ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމަށާއި، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ގޮތް ކަން ހިސާން ފާހަގަކުރެއްވިއެވެ. އަދި އެ ހައްގު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށްޓަކާ އެކޮމިޝަނުން ކުރަނީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ހިސާން މިފަދައިން ވިދާޅުވެފައިވާއިރު، ހާއްސަކޮށް މި ދުވަސްވަރަކީ ޖޭއެސްސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދުވަސްވަރެކެވެ. އޭގެ އެންމެބޮޑު އެއް މައްސަލައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއިމެދު އެ ކޮމިޝަނުން ބަލަމުން ގެންދާ ސުލޫކީ މައްސަލައެވެ.

ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ޖޭއެސްސީގެ މިހާރުގެ މައިގަނޑު މަސައްކަތަކީ އެކޮމިޝަން ނުރުހޭ ފަނޑިޔާރުން ސައިޒުކޮށް ސްލޫކި މައްސަ ބަލައި ފިޔަވަޅު އެޅުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން