ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން ޖޭޑީޕީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ޑީއާރުޕީން ބުނެފިއެވެ.

ޕާޓީގެ މެންބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަންވެސް ދަނީ ކުރަމުންނެވެ.

ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ އުވާލަން ނިންމުމާއި ގުޅިގެން ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި ކޯޓުން މި މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ޖޭ.ޑީ.ޕީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ޑީއާރްޕީގެ ބަޔާނުގައި ބުނީ ކޯވިޑަށްފަހު ޤާނޫނުގައި ބުނާ މިންވަރަށް މީހުން ހަމަކުރުމުގެ މަސައްކަތް ފެށިއިރު އީސީން ޕާޓީގެ މެންބަރޝިޕް ފޯމްތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަމަށެވެ. އަދި މިގޮތުން ދިމާވަމުންދާ ދަތިތައް ތަކުރާރުކޮށް އީސީއަށް އަންގަމުން ދަނިކޮށް ޕާޓީ އުވާލުމަށް ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީ "ފުނޑާލުމަށް" އީސީން ފެށި މަސައްކަތެއްކަމަށްވެސް ޑީއާރްޕީގެ ބަޔާނުގައި ބުނެއެވެ.

އެ ބަޔާނުގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ކުރިމަތިލާފައިވާ ވަގުތެއްގައި ޕާޓީ އުވާލުމަށް ނިންމުމަކީ ޑިމޮކްރަސީއާ ނުހަނު ބީރައްޓެހި އަމަލެއްކަމަށެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން