ސ. ހިތަދޫ ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު މާލަސްތަކެއް ނުފެ ފެށިގެންދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހަފްލާގައި ޝާހިދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ ދެކުނުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެން ކަމަށެވެ.

އެގޮތުން، ސަރުކާރުން ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލިއަޅުވާލައްވާ ޝާހިދު ވިދާޅުވީ ޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް މާ ލަސްތަކެއް ނުވެ ފެށޭނެކަމަށެވެ. އަދި ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވި، ޑޮމެސްޓިކް އުޅަނދުތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ލިބޭނެކަން ޝާހިދު ވިދާޅުވިއެވެ.

ޕޯޓު ތަރައްގީކުރަން ފަށަން ތައްޔާރުވެފައިވާއިރު އައްޑޫ ހިތަދޫ ވިޔަފާރި ބަނދަރުގެ އިތުރުން ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާއި ހަވާލުކޮށްގެން އަންނަނީ ސަރުކާރުން ކުރަމުންނެވެ.

‎އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހިތަދޫ ޕޯޓަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވުމަށްފަހު ރިޓަޔަރ ކުރެއްވި 2 މުވައްޒަފަކަށް ހަނދާނީ ފިލާ ވަނީ ދީފައެވެ. މީގެ އިތުރުން ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން