ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގަތަރަށް ހާއްސަ މުބާރާތެކެވެ. މިއީ ގަތަރަށް މީގެ ކުރިން ދުވަހަކުވެސް އައިސްފައިނުވާފަދަ ބޮޑު އީދެކެވެ. މި އީދު ފާހަގަކުރަން ގަތަރުގައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއްކޮށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައިވެއެވެ. އަދި އެ ކަންކަމަށް ދުނިޔޭގެ ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ނަމަވެސް، މި އީދަށް އެންމެ ބޮޑަށް ތައްޔާރުވެފައިވަނީ ގަތަރުގެ އާންމު ރައްޔިތުންގެ ހިތްތަކެވެ. އިސްލާމް ދީނުގައި ބާރު އަޅުއްވާފައިވާ މެހުމާންދާރީ އަދާކުރުމުގެ ރިވެތި ސިފައިން ގަތަރުގެ ރައްޔިތުންގެ ހިތްތައް ވަނީ ޒީނަތްތެރިވެފައެވެ.


ވޯލްޑްކަޕްގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގަތަރަށްގޮސްތިބި މީހުން މެޗުކުޅޭ ދަނޑުތައް ކައިރީ ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި މެޗު ނިމިގެން ދަނޑު ބޭރުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. މީގެއިތުރުން ޓިކެޓު ނެތުމުންނާއި ދިމާވާ އެފަދަ ބައެއް މައްސަލަތަކުގައި ދަނޑަށް ނުވަދެވި ތިބޭ މީހުންވެސް ދަނޑުގެ ބޭރުގައި ގިނަ އަދަދަކަށް ތިބެއެވެ.

އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ގަތަރުގެ ހިތްހެޔޮ ރައްޔިތުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ދަނީ މިކަން ފާހަގަ ކުރަމުންނެވެ. އެގޮތުން މެހުމާންދާރީގެ މި ވާހަކަ ދެއްކި މީހަކު ބުނީ، ގަތަރުން ދައްކައިދެމުން ދަނީ މެހުމާންދާރީގެ ނަމޫނާއެއް ކަމަށެވެ. އަދި އެމީހުންގެ އެންމެ ފާހަގަ ކޮށްލެވެނީ މިކަމުގައި ހުންނަ ޖޯޝާއި ފޯރި ކަމަށާއި ވަކި ނަސްލެއްގެ، ވަކި ގައުމެއްގެ މީހަކަށް ތަފާތު ކުރުމެއްނެތި ގަތަރުގެ ރައްޔިތުން ދަނީ އެންމެންނަށްވެސް އެހީތެރިވެ އަޅާލަމުން ކަމަށެވެ.

ގަތަރަށް ޒިޔާރަތްކުރި މީހުންނަށް އެހީތެރިވާން އިސްކޮށް އުޅުނު މީހަކު ބުނީ، މިއީ އެމީހުންގެ ގައިގައި ހުންނަ ސިފައެއްކަމަށެވެ. އަދި މެހުމާންދާރީ އަދާކޮށް އެހީތެރިވުމުގައި، އެމީހަކީ ކޮން ޓީމަކަށް ސަޕޯޓުކުރާ ކާކުތޯ ނުބަލާ ކަމަށެވެ. އަދި މިއީ އިސްލާމް ދީނުގައި ބާރު އަޅުއްވާފައިވާ ކަމެއްކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.



އޭނާ ބުނީ، ދަނޑުން ނުކުމެގެން އަންނައިރު ގިނަ މީހުންތިބެނީ ފެންބޮވައިގަނެފައި ކަމަށާއި އެމީހުންނަށް ފެނާއި ފިނި ބުއިންތަކާއި އަރަބި ކާނާއާއި ކަދުރުފަދަ ތަކެތި ހިލޭ ފޯރުކޮށްދެމުން ގެންދާކަމަށެވެ. އަދި ދަނޑަށް ވަނުމުގެ ފުރުސަތު ނުލިބުނު މީހުންނަށް ގަތަރުގެ ރައްޔިތުން ތައްޔާރުކޮށްފައިވާ އެކިއެކި ހަޓުތަކުގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސައިދެމުން ދާކަމަށާއި އެ ރައްޔިތުން މެޗު ބަލާ ފޯރި ނަގަނީވެސް އެކި ގައުމުގެ މީހުންނާއެކުކަމަށެވެ.

މި ހުރިހާ ހިދުމަތެއް ދީ މެހުމާންދާރީ އަދާކުރަމުން ދަނީ ގަތަރު ރައްޔިތުން ހަމަ ހިލޭސާބަހަށެވެ. އެކަން ކުރާ ހިތުން ހަމަ ޚާލިސް ހެއުހިތުންނެވެ. އެ ރައްޔިތުންގެ މި ހިތްހެޔޮކަންފެނި ގިނަ ބަޔަކު ދަނީ އާޝޯހުވަމުންނެވެ. އިސްލާމް ދީނުގެ އަހުލާގިއްޔާތުގެ ތެރެއިން ގަތަރުގެ އެ ރައްޔިތުންގެ ކިބައިގައިހުރި އިހުސާންތެރިކަން ފެނިފައެވެ. އިސްލާމް ދީން ދަސްކޮށްދީފައިވާ ކަމޭހިތުމާއި އަޅާލުމާއި އޯގާތެރިކަމުގެ ރިވެތި ސިފަ ފެނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު